ހިއުމަން ޓްރެފިކިން ނުވަތަ އިންސާނީ ވަގުފާރި ހިންގައިގެން ހޯދާ ފައިސާ ދައުލަތަށް ނެގޭގޮތަށް ހިއުމަން ޓްރެފިކިން ގާނޫނު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި އެވެ.
މި އިސްލާޙު ހުށައެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަޙްމޫދެވެ.
މަޖިލީހުގައި މިއަދު މި ބިލުގެ އިބްތިދާއީ ބަހުސްވަނީ ފަށާފަ އެވެ.
މި ގާނޫނަށް ގެންނަށް ހުށައަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިއުމަން ޓްރެފިކިން މާންކުރާގޮތް ބަދަލުކުރުން ވެސް ހިމެނެ އެވެ. ހަމައެހެންމެ އިންސާނީ ވަގުފާރީގެ ތެރޭގައި ނާޖާއިޒު ގޮތުގައި މީހުންގެ މަންފާ ނެގުން ނުވަތަ އެކްސްޕްލޮއިޓޭޝަން މާނަކޮށްފައިވާ ގޮތް ވެސް އިސްލާހުކުރުމަށް ހުށަހަޅާފައިވެ އެވެ. އަދި ޓްރެފިކްކުރުމުގެ ޝިކާރައަށްވާ ފަރާތްތަކަށް ކޯޓުން ނަގައިދެވޭނެ ގެއްލުމުގެ ބަދަލުގެ ބާވަތްތައް ވެސް މި ބިލުގައި ހިމަނާފައިވެ އެވެ.
މީހުން ޓްރެފިކް ކުރުންކަމަށް ބަލަން ހުށައެޅި ކަންތައްތަކުގެ ތެރޭގައި ބޭރު ގައުމަކުން ރާއްޖެއަށް ގެނައުން ނުވަތަ ބަދަލުކުރުމާއި އަދި ރާއްޖޭން އެހެން ގައުމަކަށް ވެސް މީހަކު ގެންދިއުން ނުވަތަ ބަދަލުކުރުމާއި، ރާއްޖޭގެ އެއްތަނުން އަނެއް ތަނަށް ގެންދިއުން ނުވަތަ ބަދަލުކުރުމާއި، އަދި އެގޮތަށް ގެންނަ މީހަކާ ހަވާލުވުން ނުވަތަ ބެހެއްޓުން ނުވަތަ ވަޒީފާއަށް ނުވަތަ މަސައްކަތަށް ރެކްރޫޓްކުރުން ފަދަ ކަންކަން ހިމެނެނީ މީހުން ޓްރެފިކް ކުރުމުގެ ތެރޭގަ އެވެ.
މީހުން ޓްރެފިކް ކުރުމުގެ ގާނޫނަށް ގެންނަން ސަރުކާރުން ހުށަހަޅާފައިވާ އަނެއް ބަދަލަކީ "އެކްސްޕްލޮއިޓޭޝަން" ނުވަތަ މީހުންގެ ނާޖާއިޒް ފައިދާ ނެގުން މާނަކުރާ ގޮތެވެ. ރާއްޖޭގައި އާއްމުކޮށް ކުރާ ކަމަށް އަޑުފެތުރިފައިވާ ޕާސްޕޯޓް ހިފެހެއްޓުމަކީ ވެސް މީހުން އެކްސްޕްލޮއިޓްކުރުމުގެ އަމަލެއް ކަމަށް ބިލުގައި މާނަކޮށްފައިވެ އެވެ.
މި އިސްލާހުތަކުގެ ބޭނުމަކީ އިންސާނީ ވަގުފާރީގެ ޙާލަތު ރާއްޖޭގައި އޮތް ގޮތް ބަދަލުކޮށް މިއަށްވުރެ ރަނގަޅު ހާލަތަކަށް ގެންދިއުމުގެ ނިޔަތް ސަރުކާރުގެ ކިބާގައި އޮތްކަން ސާބިތުކޮށްދިނުމުގެ ގޮތުން، ދިވެހި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުޢާހަދާތަކާއި އެ މުޢާހަދާތަކުގެ ދަށުން ރާއްޖެއިން އުފުލުމަށް އެއްބަސްވެފައިވާ އިލްތިޒާމުތަކާ އެއްގޮތަށް ރާއްޖޭގެ ގާނޫނީ ނިޒާމު ބައްޓަންކުރުން ކަމުގައި އިސްލާހުތައް ހުށަހެޅުއްވި މެންބަރު ޖީހާން ވިދާޅުވި އެވެ.
މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު މިހާރު އޮތް ގޮތުން، އެ އަމަލުގެ ތެރެއިން ގެންނަ މީހުންނާއި ހަވާލުވުމާއި އެ މީހުން ގެންގުޅުން އަދި ރެކްރޫޓް ކުރުމަކީ ގާނޫނީ ކުށަކަށް ނުހެދޭ ކަމަށްވެސް ޖީހާން ވިދާޅުވި އެވެ.