މިދިޔަ އޭޕްރީލު މަހު ކައިވެނިކުރި ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމުގައިވާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރަށް ދަރިއަކު ލިބެން އުޅޭކަން އިއުލާނު ކުރި ހަބަރު ވެގެން ދިޔައީ ބޮލީވުޑްގައި އެދުވަސްކޮޅު އެންމެ ގަދައަށް ދެކެވުނު ވާހަކައަށެވެ.

އާލިއާ އާއި ރަންބީރަށް ދަރިޔަކު ލިބޭކަން ހާމަކޮށްފައިވަނީ އާލިއާ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި އެވެ. އަދި މި ޕޯސްޓްގައި އާލިއާ ބަނޑުގެ ސްކޭނެއް ހަދަން ހޮސްޕިޓަލެއްގައި އޮވެ ނަގާފައިވާ ފޮޓޯއެއް ވެސް ވަނީ ހިއްސާ ކޮށްފަ އެވެ.

އަލަތު ދަރިފުޅާއެކު އާލިޔާގެ ހަޔާތަށް އަންނާނެ ބަދަލާ ގުޅިގެން ގިނަ ބަޔަކު ދަނީ އޭނާގެ ގާތުގައި ސުވާލު ކުރަމުންނެވެ. އެގޮތުން ދަރިފުޅު ލިބުމާ އެކު އޭނާގެ ފިލްމީ ކެރިއަރަށް ބަދަލު އަންނާނެތޯ، ނުވަތަ މަސައްކަތާއި ދުރުވުމަށް ވިސްނާތޯ، މިއީ އާލިޔާއަށް ފަހަކަށް އައިސް އަމާޒުވާ ސުވާލުތަކެކެވެ.

މިކަމަށް ޖަވާބުދެމުން އިންޑިއާގެ ނުހަކަށް ދިން އިންޓަވިއުއެއްގައި އާލިޔާ ވަނީ، ދަރިފުޅު ލިބުމަކުން ވަކި މަސައްކަތަށް ހުއްޓުމެއް އަންނަން ޖެހޭތޯ އާންމުންނާއި ސުވާލުކޮށްފަ އެވެ. އަދި ދަރިއަކު ހޯދުމަކީ ކޮންމެ އަންހެނަކުވެސް ދެކޭނެ ހުވަފެނެއް ކަމަށާއި، އެއީ އެމީހެއްގެ ޕްރޮފެޝަން އަށް ހުއްޓުން އަންނަން މެދުވެރިވާ ސަބަބެއް ނޫން ކަމުގައި އޭނާ ބުނެފައިވެ އެވެ.

އާލިއާ ބަލިވެއިން ވާހަކަ އިއުލާންކުރިއިރު އޭނާ ވަނީ އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން" ގެ މަސައްކަތް ނިންމާލާފަ އެވެ.