މެނިލާ (27 ޖުލައި) - ފިލިޕީންސްއަށް 7.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސް ބައެއް ސަރަހައްދުތަކަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިއްޖެ އެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި އެގައުމުގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ އަބްރާގެ ޑޮލޮރެސް އަވަށަށް ކުރިމަތިވި މި ބިންހެލުމުގެ އަސަރު ވެރިރަށް މެނީލާއަށް ވެސް ވަރަށް ބޮޑަށް ކުރި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

7.1 މެގްނިޓިއުޑްގައި ރެކޯޑު ކުރެވުނު މި ބިންހެލުން އައިސްފައިވަނީ ބިމުގެ 10 ކިލޯމީޓަރު އަޑިންނެވެ. ނަތީޖާއަކަށްވީ އެ ސަރަހައްދުގެ ގިނަ އިމާރާތްތަކަކަށް ގެއްލުންވުމެވެ.

އެގޮތުން އަބްރާ ސްޓޭޓްގެ މައި ހޮސްޕިޓަލެއް ބިމާ ހަމަވެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ތިބި ބަލި މީހުން މަގުމަތިވެފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

މި ބިންހެލުމުގައި މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައި ނުވާއިރު ރެސްކިއު ޓީމުތަކުން ދަނީ ވެއްޓިފައިވާ އިމާރާތްތުގެ ދަށުގައި މީހުން ތާށިވެފައި ތިބިތޯ ބަލަމުންނެވެ.

ސޯޝަލް މީޑިއާގައި އާއްމު ވެފައިވާ ވީޑިއޯތަކުން ބާރުގަދަ ލޮޅުމަކާއެކު އިމާރާތްތައް ވެއްޓެމުންދާ ތަން ފެނެ އެވެ. މި ބިންހެލުން 30 ސިކުންތަށްވުރެ ގިނަ ވަގުތު ކޮޅަކަށް ދެމިގެން ދިޔަ ކަމަށްވެ އެވެ.

ބިން ހެލުމުގެ ފަހުން ކުދި ކުދި ލޮޅުންތައް އަދިވެސް އެގައުމުގެ އުތުރުގެ އެކި ހިސާބުތަކަށް ކުރިމަތި ވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ. -- ދަ ސްޓްރެއިޓް ޓައިމްސް