ޔޯގާ ދުވަހުގެ ހަރަކާތަށް ހުރަސް އަޅައި ހިންގި ހަމަނުޖެހުމާ ގުޅިގެން އިތުރު ދެ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

ޔޯގާ ދުވަހު ހިންގި ހަމަނުޖެހުމާ ގުޅިގެން އިތުރު ދެ މީހަކު އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން ހައްޔަރުކުރީ 29 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ޔޯގާ ހަމަނުޖެހުމާއި ގުޅިގެން މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އާދަމް ނިޝާނާއި ފަޒްލޫން މުހައްމަދުވެސް ހައްޔަރުކޮށްފައިވެ އެވެ.

އޭގެ ތެރެއިން، ޝެއިހް ފަޒްލޫން ވަނީ ޝަރުތުތަކަކާއިއެކު ކޯޓުން މިނިވަންކޮށްފަ އެވެ. އެކަމަކު، އޭނާ އަލުން ހައްޔަރުކުރުމަށް ދައުލަތުން މިހާރު ވަނީ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފުކޮށްފަ އެވެ. ޝެއިހް ނިޝާން އަދިވެސް ހުރީ ފުލުހުންގެ ބަންދުގަ އެވެ.

ހަމަ އެއާއެކު އިދިކޮޅު ކޯލިޝަންގެ ހަރަކާތު ކޮމިޓީގެ ޗެއަރ މުހައްމަދު އިސްމާއީލްވެސް ވަނީ ޔޯގާ ދުވަހުގެ ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކޮށްފަ އެވެ.