އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަހްމަދު ނާޒިމް އަބްދުއްސައްތާރު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި 46 އަހަރުގެ މީހަކު ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ނާޒިމް ސައްތާރު ކަމަށް އޭނާގެ ބޭބެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

އެ މައްސަލައާ ގުޅިގެން ދެން ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލައިގައި ހިމެނޭ ވީޑިއޯތައް ދައުރުކުރުވަން ފެށުމާއެކު، ބައެއް ފަރާތްތަކުން އެކި މަގުސަދުތަކުގައި ސައްހަ ނޫން ފޮޓޯ ހަދައިގެން ދައުރުކޮށްފައިވާކަ ކަމަށެވެ. އެހެންވެ ވަކި ފަރުދަކަށް އެއްވެސް ފިޔަވަޅެއް އެޅުމުގެ ކުރިން ވީޑިއޯތަކާއި، ފޮޓޯތައް ތަހުލީލުކޮށް، އޭގެ ސައްހަކަން ކަށަވަރު ކުރި ކަމަށް ފުލުހުން ބުންޏެވެ.

"މިގޮތުން ޖިނާޢީ އަދުލުގެ ނިޒާމަށް ބޭނުންވާ މިންގަނޑަށް ފޮރެންސިކް އެނަލިސިސް ހެދުމަކީ ގިނަ ވަގުތު ހޭދަވާ ކަމެއްކަން ފާހަގަކުރަން. މިހާތަނަށް ފޮރެންސިލް ތަހްލީލުތަކުން ކަށަވަރުކުރެވިފައިވާ ވީޑިއޯ އެވީޑެންސްތަކުގައި ހިމެނޭ މީހުންގެ މައްޗަށް ތަހުގީގީ އިޖުރާއަތުތައް މިމައްސަލަތަކުގައި މިސާވިސްއިން މިދަނީ ހިންގަމުން،" ފުލުހުންގެ ބަޔާނުގައި ވެެއެވެ.

އެ މީހުންނާ އެކު އެއްޖިންސުން ގުޅުން ހިނގި ބަންގްލަދޭޝަގް ރައްޔިތެއް ކަމުގައިވާ އަލަމް ގީރް ވެސް ވަނީ މީގެކުރިން ހައްޔަރުކޮށްފަ އެވެ.