އެއްޖިންސުން ގުޅުން ހިންގާ ލިވާތުކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަހްމަދު ނާޒިމް އަބްދުއްސައްތާރު ގެ ބަންދަށް 7 ދުވަސް ޖަހައިފި އެވެ.

އޭނާގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ މިއަދު އއ.ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމަށްފަހުގަ އެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރް އާއި އެކީ އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހިމެނޭ މީހުން ހައްޔަރު ކުރުމަށް ފުލުހުން އިއްޔެ ފެށި އޮޕަރޭޝަންގެ ތެރެއިން ނާޒިމް ސައްތާރު ރޭ ހައްޔަރު ކޮށްފައިވަނީ އއ. އަތޮޅުގެ ރިސޯޓެއްގައި ހުއްޓައެވެ.

ރިސޯޓުން ހައްޔަރު ކުރުމަށްފަހު އޭނާ ރޭ ގެންގޮސްފައިވަނީ އއ. ރަސްދޫ ފުލުހުންގެ އިދާރާއަށެވެ. އެތަނުގައި ރޭ އޭނާ ބެހެއްޓުމަށްފަހު، މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް ވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ.

ނާޒިމް ހައްޔަރުކުރުން ކުށްވެރިކޮށް ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ކޮއްކޮގެ މައްޗަށް އެއްޖިންސުން ގުޅުންހިންގި ކަމަށް ތުހުމަތުކޮށް، ހައްޔަރުކުރީ ސަރުކާރު ކޯލިޝަންގައި ތިބި ހަރުކަށި ފިކުރުގެ މީހުން ރުއްސަން ކަމަށް ބުނެ ޓުވީޓުކޮށްފަ އެވެ. އަދި އެކަން ކުރީ ޖިނާއީ އިޖުރާތުގެ ގާނޫނާވެސް ހިލާފަށް ކަމަށްވެސް ވިދާޅުވި އެވެ.

ލިވާތު ކުރި ވީޑިއޯ ލީކުވެފައިވަނިކޮށް އެއްޖިންސުން ގުޅުންހުންގި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ކާނަލް ނަޝީދާއި ފުލުހަކުވެސްވަނީ ހައްޔަރު ކޮށްފަ އެވެ. ސަރުކާރުން މި މީހުން ހައްޔަރު ކުރަން ފަށާފައިވަނީ ވީޑިއޯތައް ލީކުވިތާ އެތައް ދުވަހެއް ފަހުން ރައްޔިތުންގެ ޕްރެޝަރު ބޮޑުވުމުންނެވެ.