ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް އަނެއްކާވެސް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި އެވެ.

މެޓް އޮފީހުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 11:30 އިން ހަވީރު 5:30 އަށެވެ.

މި ވަގުތުތަކުގައި ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ ކަމަށާ ލަފާކުރެވޭ ކަމަށް މެޓުން ލަފާކޮށްފައިވެ އެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައިވެ އެވެ.

އޭގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެ އެވެ.

މި ދުވަސްރަކީ މޫސުން ގޯސް ދުވަސްވަރަކަށްވުމާ ގުޅިގެން ކަނޑު ދަތުރުތައް ކުރާއިރު، މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުންނާއި ކޯސްޓްގާޑުން ވެސް އިލްތިމާސްކޮށްފައިވެ އެވެ.

އެގޮތުން ދަތުރަކަށް ފުރުމުގެ ކުރިން ދަތުރާ ބެހޭ މައުލޫމާތު އެންގުމާއި، އުޅަނދުގައި ލައިފްޖެކެޓާއި، އެހެނިހެން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އިސްކަމެއް ދިނުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފަ އެވެ.