ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް 30 ދުވަހަށް ބަންދުކުރަން ކުރި އަމުރުގެ އިސްތިއުނާފު ހައިކޯޓުގެ ރަޖިސްޓްރާ ބަލައިނުގަތުމުން އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އެ މައްސަލަ ހުށަހަޅައިފި އެވެ.

މުހައްމަދު އިސްމާއީލްގެ ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވީ އެ މައްސަލަ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ހުށަހެޅީ މިއަދު ކަމަށެވެ.

އޭނާ ވިދާޅުވީ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތީ އޮޅުމެއްގެ ސަބަބުން ކަމަށެވެ.

މުހައްމަދު އިސްމާއީލާ ދެކޮޅަށް އޮތީ އެންމެ ސިއްރު ހެއްކެއް ކަމަށް ވެސް ޝާހު ވިދާޅުވި އެވެ. އަދި މުހައްމަދު އިސްމާއީލަކީ އެ ދުވަހު ގަލޮލުދަނޑު ސަރަހައްދަށް އެއްވި މީހެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ހަމަނުޖެހުމާ ގުޅިގެން 15 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވެ އެވެ. އޭގެތެރޭގައި އައްޝައިޚް ފަޒްލޫން މުހައްމަދާއި އައްޝައިޚް އާދަމް ނިޝާން ވެސް ހިމެނެ އެވެ. އޭގެތެރެއިން ފަޒްލޫން މިހާރު ވަނީ ޝަރުތުތަކަކާ އެކު ދޫކޮށްލާފަ އެވެ.