ސްޓާ ޕްލަސް އިން ގެނެސްދޭ ސެލެބްރިޓީ ޑާންސް ޝޯ "ނަޗް ބަލިޔޭ" 10 ސީޒަން ގެނެސްދިނުމަށް ތައްޔާރުވަމުން އަންނައިރު މިޝޯ ހުށަހަޅައިދިނުމުގެ ފުރުސަތު "ނަޗް ބަލިޔޭ 9" ކާމިޔާބުކުރި ޖޯޑު ކަމަށްވާ ޕްރިންސް ނަރޫލާ އާއި ޔޫވިކާ ޗައުދަރީ އަށް ލިބިއްޖެ އެވެ.

ދެ އަހަރުގެ މެދެކެނޑުމަކަށް ފަހު އަންނަ އޮކްޓޯބަރު މަހުގައި ސްޓާ ޕްލަސްއިން ގެނެދިނުމަށް ނިންމާފައިވާ "ނަޗް ބަލިޔޭ"ގެ 10 ވަނަ ސީޒަން ހުށަހަޅައިދނުމުގެ ފުރުސަތު ވަނީ ޕްރިންސް އާއި އޭނާގެ އަންހެނުން ޔޫވިކާ އަށް ލިބިގެން ގޮސްފަ އެވެ. އެހެން ނަމަވެސް މިކަން ގަބޫލުކުރި ކަމެއް އެއްވެސް ފަރާތްތަކުން އަދި ކަށަވަރުކޮށްދީފައިނުވެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިޝޯގެ ޕްރޮޑިއުސަރު ސަލްމާން ޚާން ބޭނުންވަނީ މިޝޯ ހުށަހަޅައިދިނުމަށް މަޝްހޫރު ޖޯޑެކެވެ. ޝޯގެ ޕްރޮޑިއުސަރުން ކުރިން ވާހަކަ ދެއްކީ ކްރުޝްނާ އަބީޝެކް އާއި އޭނާގެ އަންހެނުން ކަޝްމީރާ ޝާހް އާ އެވެ. ނަމަވެސް މި ދެ މީހުން ހަމަޖެހޭ ގޮތް ނުވުމުން ޕްރިންސާއި ޔޫވިކާ އަށް ޝޯ ހުށަހެޅީ އެވެ.

https://www.instagram.com/p/CftF8Edoapk/?hl=en

"ނަޗް ބަލިޔޭ 9" ކުރިޔަށް ދިޔައީ ޖުލައި 2019 އިން ނޮވެމްބަރު 2019 އަށެވެ. އެ ސީޒަން ކާމިޔާބުކުރީ ޕްރިންސާއި ޔޫވިކާ އެވެ.

2015 ވަނަ އަހަރު ޕްރިންސް އާއި ޔޫވިކާ "ބިގް ބޮސް 9" ގެއިން ބަދަލުވިއިރު މިހާރު އެދެމީހުން އުޅެނީ ކައިވެނި ކޮށްގެނެވެ. އެމީހުން ކައިވެނި ކުރީ 2018 ވަނަ އަހަރު އެވެ.

ޕްރިންސް ވަނީ "ބިގް ބޮސް 9" ގެ އިތުރުން "އެމްޓީވީ ރޯޑީސް 12" ވެސް ހޯދާފަ އެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ "ލޮކް އަޕް" އިންނެވެ. މިއީ ޓީވީން ދެމަފިރިންނަށް ކަމްބޭކަކަށް ވެގެންދާނެ އެވެ.

https://www.instagram.com/p/CfBs8CTLByo/?hl=en

"ނަޗް ބަލިޔޭ 10"ގެ ފަނޑިޔާރުންނަކީ ކޯރިއޮގްރާފަރުން ކަމަށްވާ ޓެރެންސް ލުވިސް އާއި ވައިބަވީ މާޗެންޓް އަދި ބަތަލާ ކަރިޝްމާ ކަޕޫރެވެ.

ސަލްމާން ޚާން ޕްރޮޑިއުސް ކުރާ މި ޝޯގައި ބައިވެރިންގެ ގޮތުގައި ޝެހެނާޒް ކައުރް ގިލް، ރޫޕާލީ ގަންގްލީ، ޕްރަތިކް ސެހާޖްޕާލް، މޮހްސިން ޚާން ފަދަ މަޝްހޫރު މޫނުތަކެއް ފެނިދާނެ އެވެ.