ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އަލަމް ގީރްއާ އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަހްމަދު ނާޒިމް އަބްދުއްސައްތާރު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއަކީ އެޑިޓްކޮށްފައިވާ އެއްޗެއް ކަމަށް ނާޒިމް ސައްތާރު ބުނެފި އެވެ.

ނާޒިމް ސައްތާރު މިފަދައިން ބުނެފައި ވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން އއ. ރަސްދޫ ކޯޓަށް ހާޒިރުކުރުމުންނެވެ. ކޯޓުގައި ވާހަކަދައްކަމުން ނާޒިމް ސައްތާރު ބުނީ އެ ވީޑިއޯއަކީ އެޑިޓްކޮށްފައިވާ އެއްޗެއް ކަމަށެވެ. އަދި މިޒަމާނުގައި ހެކި އުފެއްދުމަކީ ވަރަށް ފަސޭހަކަމެއްކަމަށް ބުންޏެވެ. އަދި ހޮލީވުޑުގެ ތަރި ޖޯނީ ޑެޕްއާ ދެކޮޅަށް އޭނާގެ ކުރީގެ އަންހެނުން އެމްބާ ހާޑް ކުރި ތުހުމަތުތަކާއި އެ ތުހުމަތުތަކަށް ބާރުދިނުމަށް އޭނާ ކޯޓަށް ހުށަހެޅި ހެކިތަކަކީ އެ މައްސަލައިން ދިފާއުވުމަށް ނާޒިމް ފާހަގަކުރި ހެކިތަކެވެ.

ނާޒިމް ސައްތާރު އެފަދައިން ބުންޏަސް ފުލުހުން ވަނީ އެ ވީޑިއޯ އެނަލައިޒްކޮށް އޭގެން ފެންނަނީ އޭނާކަށް ފުރިހަމައަށް ކަށަވަރުކޮށްފަ އެވެ.

އޭނާ އެފަދައިން ކޯޓުގައި ބުންޏަށް ކޯޓުން ނިންމީ ހަތް ދުވަހަށް އޭނާ ބަންދުގައި ބަހައްޓާށެވެ. އެ ނިންމުން އިސްތިއުނާފު ކުރަން ނާޒިމް ނިންމާފައިވާކަން ވަނީ އެނގިފަ އެވެ.

ނުފޫޒުގަދަ ބަޔަކު ރަސްދޫ މެޖިސްޓްރޭޓަށް ގުޅައި ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައިވާ ތަފްސީލުތައް މުއްދަތު އިތުރުކުރާ އަމުރުގައި ނުހިމެނުމަށް ބާރު އެޅުމުން އެކަންކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.