ޓައިޕޭ (04 ޖުލައި) - ރަސްމީ ދަތުރުފުޅެއްގައި ޓައިވާނަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ސްޕީކާ އޮފް ހައުސް ނޭންސީ ޕެލޯސީ އޭނާގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އަނބުރާ އެމެރިކާއަށް ވަޑައިގަތުމުގެ ކުރިން ޗައިނާއަށް ބަހުގެ ހޫނު ހަމަލާތަކެއް އަމާޒު ކުރައްވައިފި އެވެ.

އެގޮތުން ޕެލޯސީ ވިދާޅުވީ އެއްވެސް މީހަކު ޓައިވާނަށް އައުން ޗައިނާއަށް ނުހުއްޓުވޭނެ ކަމަށާއި އެއޭ ޗައިނާގެ ބާރުގައިވާ ކަމެއް ނޫން ކަމަށެވެ.

ޕެލޯސީ މިހެން ވިދާޅުވެފައި މިވަނީ އޭނާގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން އެމެރިކާއަށް ތަކުރާރުކޮށް އިންޒާރުތަކެއް ދީފައިވާ ދަނޑިވަޅެއްގަ އެވެ.

ޕެލޯސީގެ ދަތުރުފުޅުގައި އޭނާވަނީ ޓައިވާނުގެ އިސް ލީޑަރުންނާ ބައްދަލު ކުރައްވާފަ އެވެ. ޓައިވާނަކީ މުޅި ދުނިޔެއިން ވެސް ފާހަގަ ކޮށްލެވޭ އެންމެ މިނިވަން މުޖުތަމައުއެއް އޮތް އެއް ގައުމު ކަމަށް އެ ބައްދަލުންތަކުގައި ޕެލޯސީ ވިދާޅުވި އެވެ.

ޓައިވާނުގެ މައްސަލާގައި އެމެރިކާއާއި ޗައިނާގެ ގުޅުންތައް ހީނަރުވެފައިވާއިރު ޓައިވާނުން މިނިވަން ކަން އިއުލާން ކޮށްފި ނަމަ ހަނގުރާމައަކަށް ދާން ވެސް ތައްޔާރު ކަމަށް ޗައިނާއިން ވަނީ ބުނެފަ އެވެ. ނަމަވެސް އެމެރިކާއަކީ ޓައިވާން މިނިވަން ދައުލަތެއްގެ ގޮތުގައި އިއުލާން ކުރުމަށް ތާއީދުކުރާ އެއް ގައުމެވެ.

ޕެލޯސީއަކީ 1997 ވަނަ އަހަރުގެ ފަހުން ރަސްމީ ދަތުރުފުޅެއްގައި ޓައިވާނަށް ވަޑައިގަތް އެމެރިކާގެ އެންމެ އިސް ލީޑަރެވެ.

ޕެލޯސީގެ ދަތުރުފުޅުގެ ކުރިން ޗައިނާއިން ވަނީ އެ ދަތުރު ކުރިއަށް ގެންގޮސްފިނަމަ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ބުނެ އެމެރިކާއަށް އިންޒާރު ދީފަ އެވެ. -- އަލް އަރަބިއްޔާ