ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށިގެން ކުޑައިރުކޮޅުއްގެ ތެރޭގައި އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފްގެ ނަން އިއްވާ އޭނާ ތަޅުމުން ބޭރުކޮށްފި އެވެ.
ޖަލްސާ ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް މަޖިލީހުގެ ތަޅުމުގައި ޝަރީފް އަޑުގަދަ ކުރައްވަމުން ގެންދަވާތީ އޭނާގެ ނަން މަޖިލީހުގެ ރިޔާސަތުން އިއްވި އެވެ.
ތިންފަހަރު ނަން އިއްވުމަށްފަހު ވަރަށްބޮޑަށް ކޯފާ އިސްކުރައްވާ ވަރަށް ހަރު އަޑުފުޅުން ޝަރީފްގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނުކުމެ ވަޑައިގަތުމަށް އަތުން އިޝާރާތްކުރެއްވި އެވެ.
ނަމަވެސް ޝަރީފްގެ ޒުވާބު ކޮންޓްރޯލް ނުވުމުން މަޖިލިސް ރައީސް ވަނީ ޝަރީފްގެ ނަން އިއްވައި ތަޅުމުން ނެރެފައެވެ. ނަމަވެސް ނަން އިއްވި ފަހުންވެސް ޝަރީފް ވަނީ ތަޅުން ދޫނުކޮށް މަޖިލީހުގައި ވަގުތުކޮޅެއް ހޭދަކޮށްފައެވެ. އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ.
މަޖިލިސް ރައީސް ވިދާޅުވީ މި ޒުވާބަކީ "ބަޣާވާތާއި" ގުޅިގެން ހިނގައިދިޔަ ޒުވާބެއް ކަމަށެވެ. ޒުވާބު ކޮންޓްރޯނުވެ ޝަރީފް ނެރެން އަމުކުރައްވައި، ޒުވާބު ކުރެއްވި އަނެއް މެމްބަރު ތަޅުމުގައި ނެތުމުން މަޖިލިސް ރައީސަށް އޭނާގެ ނަން އިއްވޭގޮތް ނުވީކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. މި ޒުވާބު ހިނގާފައިވަނީ ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) އާ ދެމެދުގަ އެވެ.
ތަޅުމުން ނިކުމެ ވަޑައިގެންނެވުމަށްފަހު ކުރެއްވި ޓުވީޓެއްގައި ޝަރީފް ވިދާޅުވެފައިވަނީ އޭނާ ތަޅުމުން ބޭރު ކުރި ކަމުގައިވިޔަސް ފުލުހުންގެ ޚިދުމަތުގެ ބިލަށް ހުށައަޅަންއުޅޭ އިސްލާޙަށް ތާއީދު ނުކުރައްވާނެ ކަމަށެވެ. އަދި ބަދަލު ހިފުމުގެ ގޮތުން ފުލުހުންގެ މުއްސަސަސާ ޕޮލިޓިސައިޒް ނުކުރާނެ ކަމަށެވެ.
އެ އިސްލާޙު ހުށައަޅަނީ ކޮމިޝަންޑް ފުލުހުން ވަޒީފާއިން ވަކިކޮށް ބޭނުންބަޔަކު ފުލުހުންގެ ވަޒީފާއަށް ގެނައުމަށް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ. އަދި ދޮންބިލެތް އޭނާ އާ ޒުވާބުކުރަން ފެށީ ހުށައަޅަންއުޅޭ އެ އިސްލާޙަށް ތާއީދު ނުކުރާނެ ކަމަށް ބުނުމުން ކަމަށް ވެސް އޭނާ ޓުވީޓުކޮށްފައިވެ އެވެ.
ޝަރީފް ނިކުމެ ވަޑައިގަތުމުން ރިޔާސަތުން ވިދާޅުވީ މިފަދަ ހިލާފު އުފެދެނީ ރައްޔިތުންގެ މެދުގައި ހައްސާސް ކަންކަމާމެދު މަޖިލީހުގައި ބަހުސްކުރެވެމުންދާތީ ކަމަށެވެ.
"ބަހުސް ކުރެވޭ ކަންކަމަކީ، އަދި ގޮތްތައް ނިންމެމުންދާ މިކަންކަމަކީ ޖީލުތަކަކަށް ދިވެހި މުޖުތަމައުއަށް އަސަރުކޮށްގެން ދާނެ ކަންކަން. އަދި ވަރަށް ގިނަ ކަންކަމަކީ މާޒީގެ ފަތްފުށުގައި އެތައް ބައެއްގެ ހިތާމަވެރި ހަޔާތާ ގުޅިފައިހުރި ކަންކަން. ކިތަންމެ ބައެއްގެ މުޅި ދިރިއުޅުން ބަރުބާސްތުވެފައިވާ ކަންކަން،" މަޖިލީހުގެ ތަޅުމުން ފެންނަނީ އެ ޖޯޝާއި ރޫހު ކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.