ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން އަންނަ އަހަރު ގެނެސްދިނުމަށް ނިންމާފައިވާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ހަ އަހަރު ފަހުން ކަރަން ޑައިރެކްޝަން ގޮޑިން ފެނިގެންދާނެ ފިލްމެކެވެ.
މި ފިލްމަކީ ގިނަ ގޮތް ގޮތުން މިޑިއާގައި ސަމާލުކަން ލިބެމުން އަންނަ ފިލްމެކެވެ. އާލިއާ ބަޓް އާއި ރަންވީރު ސިންގް މުހިއްމު ރޯލުތަކެއް ފެނިގެންދާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ގަލީ ބޯއީ އަށް ފަހު އެ ދެމީހުން އެކުގައި ފެނިގެންދާ ދެ ވަނަ ފިލްމެވެ.
މި އަހަރުގެ ޖުލައި މަހުގެ ކުރީކޮޅު އިއުލާންކޮށް، އެ މަހުގެ ފަހުކޮޅު ޝޫޓިން ފެށި ލޯބީގެ މި ފިލްމަކީ ކަރަންގެ 8 ވަނަ ޑައިރެކްޝަނެވެ. މިހާރު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މަންޒަރުތަކެއް ނަގާ ނިންމާފައިވާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ރަންވީރު އާއި އާލިއާގެ އިތުރުން ކުރީގެ މަޝްހޫރު ތަރިން ކަމަށްވާ ދަރުމެންދުރާ އާއި ޖަޔާ ބައްޗަނާއި ޝަބާނާ އާޒްމީ ވެސް މިފިލްމުން ފެނިގެންދާނެ އެވެ.
މީގެ އިތުރުން މިފިލްމަށް ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނު އެއް ކަމަކީ މަޝްހޫރު ތަރި ސައިފް އަލީ ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ޚާން މި ފިލްމުގައި ކަރަންއާ އެކީ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރުމެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަލީ ޚާންގެ އިތުރުން ކަރަންގެ އެސިސްޓަންޓް ޑައިރެކްޓަރުން ގޮތުގައި އިތުރު ދެ ފަންނާނުންގެ ދަރިން އަންނަނީ މަސަކަތް ކުރަމުންނެވެ.
އެގޮތުން މިދިޔަ ހަފުތާގައި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ މައިގަނޑު ޝޫޓިންތައް ނިންމާލައި އާންމުކުރި ފޮޓޯތަކުގެ ތެރެއިން އެންމެ އަޅައިގަތީ ބަތަލާ މަދޫރީ ޑިކްސިޓްގެ ދޮށީ ދަރިފުޅު އަރިން ނޭނޭ، 19، އާއި އަރުބާޒް ޚާން އާއި މަލައިކާ އަރޯރާގެ ދަރިފުޅު އަރްހާން ޚާން، 19، އެވެ.
"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ސެޓުން ނަގައި އިންސްޓަގްރާމްގައި އާންމުކޮށްފައިވާ ފޮޓޯތަކުގައި އަރިން ފެންނަނީ ގްރޫޕް ފޮޓޯގެ އެންމެ ފަހަތުން ކަނާތް ފަރާތުން މަޑު ދަނބުކުލައިގެ ޓީޝާޓެއްގަ އެވެ. އަރުހާން ފެންނަނީ ފޮޓޯގެ ވާތް ފަރާތުން އެންމެ ކުރިން ކަޅު ކުލައިގެ ޓީޝާޓެއްގަ އެވެ.
މަދޫރީ އާއި މަލައިކާގެ ދަރިން ކަރަންގެ އެސިސްޓަންޓުންގެ ގޮތުގައި މަސައްކަތް ކުރާއިރު އެ ދެ މީހުންނަކީ ވެސް ކަރަންގެ ވަރަށް ގާތް ދެ އެކުވެރިންކަމެވެ. އެގޮތުން މަދޫރީ އާއި މަލައިކާއާ އެކީ ޓީވީ ޝޯތަކެއް ކަރަން ޖަޖް ވެސް ކޮށްފައި އެވެ.
އަނެއްކޮޅުން މަދޫރީ އަކީ ކަރަންގެ ސްޓޫޑިއޯ، ދަރުމާ ޕްރޮޑަކްޝަންގެ ބައެއް އުފެއްދުންތަކުގައި ވެސް މަސައްކަތްކޮށްފައިވާ ތަރިއެކެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ ވެބް ސީރީޒް "ފޭމް ގޭމް" އާއި 2019 ގެ ފިލްމު "ކަލަންކް" ހިމެނެ އެވެ.
ގިނަ ޒުވާނންތަކެއް ކްރޫގައި ހިމެނޭ ގޮތަށް ކަރަން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ މައިގަނޑު ޝޫޓިން ނިންމައިލި އިރު އަދި ބާކީ ފިލްމުގެ ލަވައެއް ނަގަން އެބައޮތެވެ. އެ ލަވަ ޔޫރަޕްގައި ނަގަން ހަމަޖެހިފައި ވަނީ މިހާރު ބަލިވެއިން އާލިއާ ވިހެއުމަށް ފަހު އަންނަ އަހަރުގެ ކުރީކޮޅު އެވެ.
ކުރިން އަންނަ އަހަރުގެ ފެބްރުއަރީ 10 ގައި ރިލީޒްކުރާ ގޮތަށް އޮތަސް ޝޫޓިން އަށް އައި ބަދަލާ އެކީ ރިލީޒްކުރުން ފަސްކޮށްފައިވާ ފިލްމުގައި ކަރަންއާ އެކީ ޒުވާން ޓީމެއް މަސައްކަތްކޮށްފައިވާތީ އޭގެ ކުލަވަރު ވެސް ފިލްމު ފެންނާނެކަން ޔަގީންވެ އެވެ.
ކަރަންއާ އެކީ ކުރިން އެސިސްޓަންޓުންގެ ގޮތުގައި މަސައްކަތްކުރި މީހުންގެ ތެރޭގައި މިހާރު މަޝްހޫރު ތަރިން ކަމަށްވާ ވަރޫން ދަވަނާއި ސިދާތު މަލްއުތުރާ ހިމެނެ އެވެ. ޝާހްރުކް ޚާނާއި ކާޖޮލްއާ އެކީ ކަރަން 2010 ގައި ގެނެސްދިން "މައި ނޭމް އިޒް ޚާން" ގައި އެސިސްޓަންޓް ޑައިރެކްޓަރުންގެ ގޮތުގައި މަސައްކަތްކުރި ވަރުން އާއި ސިދާތު ބޮލީވުޑަށް ނެރުނީ ކަރަން 2012 ގައި ޑައިރެކްޓްކުރި "ސްޓޫޑެންޓް އޮފް ދި އިޔާ" އިންނެވެ.