މަރުގެ ހުކުމް ތަންފީޒްނުކުރާނެ ވާހަކަ ސަރުކާރުން ދެއްކުމަކީ ގޯސް މެސެޖެއް ކަމަށާއި ހައްލު އޮތީ މަރުގެ ހުކުމް ތަންފީޒުކޮށްގެން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ޒުވާން އަންހެނެއް ކަމަށްވާ ޝިއާއު މުހައްމަދު ސައީދު ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ހާދިސާއާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

ޑރ. ޖަމީލު ވިދާޅުވީ އަޑުއިވިގެން މިދިޔައީ އިންތިހާއަށް ބިރުވެރި ކުށެއްގެ ހަބަރެއް ކަމަށެވެ. އެއްވެސް ހާލެއްގައި ދޫކުރަން ހެޔޮނުވާވަރުގެ ނުރައްކާތެރި މުޖްރިމުން އެބަތިބިކަން ގަބޫލްކުރަންޖެހޭ ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވި އެވެ.

"ދެންވެސް މަރުގެ ހުކުމް ތަންފީޒްނުކުރާނެ ވާހަކަ ސަރުކާރުން ދެއްކުމަކީ ގޯސް މެސެޖެއް. އެއްވެސް ޙާލެއްގައި ދޫކުރަން ހެޔޮނުވާވަރުގެ ނުރައްކާތެރި މުޖްރިމުން އެބަތިބިކަން ގަބޫލްކުރަންޖެހޭ،" މަޝްހޫރު ގާނޫނީ ވަކީލު ޑރ. ޖަމީލު ވިދާޅުވި އެވެ.

މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގި އެންމެ އަނިޔާވެރި އެއް މަރުގެ ހާދިސާ އެވެ.

ރޭ 10:30 ހާއިރު، މަރާލާފައި އޮތް އަންހެން ކުއްޖާ ފެނިފައި ވަނީ ޗީބޯ ގޯޅި ތެރޭގައި ހުންނަ ހ. ޝީރީން ވިލާގަ އެވެ.

އަންހެން ކުއްޖާގެ ހަށިގަނޑު ދުށް މީހަކާ ހަވާލާދީ ނޫސްވެރިއަކު ބުނީ، ބޯ ބުރިކުރުމުގެ އިތުރުން އުޅަނބޮއްޓާ ހިސާބުން އަތް ވެސް އޮތީ ބުރިކޮށްލައިފައި ކަމަށެވެ. ދެ ފައި ވެސް ބުރިކޮށްލައިފައިވާ ކަމަށް އެ މީހާއާ ހަވާލާދީ ނޫސްވެރިޔާ ބުންޏެވެ.

ޝިއާއުގެ ހަށިގަނޑު ފުލުހުން ނެރުނު އިރު ދެ ބޮޑީ ބޭގް ވެސް ނެރުނެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އެކަކު ހައްޔަރުކޮށްފަ އެވެ. އަދި އެއީ ރާއްޖޭގެ އެންމެ މޮޅު އެއް ސްކޭޓަރު، ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލް، 22، ކަމަށްވެ އެވެ. ނަމަވެސް ފުލުހުން އެކަން ކަށަވަރުކޮށެއް ނުދެ އެވެ.

ހަމަލާދިން ކަމަށް ބެލެވޭ ފިރިހެން މީހާ ފުލުހުން ގެންދިޔައީ އެއްވެސް މީހަކަށް ނުވަދެވޭ ގޮތަށް މަގު ބަންދުކުރުމަށްފަހު ހެޒްމަޓް ސޫޓު ލައްވައިގެން ފުލުހުންގެ ވެހިކަލެއްގަ އެވެ.

ވަރަށް ގިނަ ދިވެހިން ރެއިން ފެށިގެން އަނެއްކާވެސް އަންނަނީ މަރުގެ ހުކުމް ތަންފީޒު ކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް މިދިޔަ ޖޫން މަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، މަޖިލީހުގައި ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ނުކުރަން ކުރީގެ ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތު މިސަރުކާރުން ވެސް ދަމަހައްޓާނެ ކަމަށެވެ.