ރާއްޖެއިން ޖީއެސްޓީއަށް ގެންނަން ހުށަހެޅި ބަދަލުތަކަށް މަރުހަބާ ކިޔައި އިގްތިސޯދީ އިސްލާހުތައް ތަންފީޒުކުރުމަށް ސަރުކާރަށް އެއްބާރުލުން ދޭނެކަމަށް ވޯލްޑް ބޭންކުން ހާމަކޮށްފި އެވެ.
ވޯލްޑު ބޭންކުން ނެރުނު މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު (ޕީއީއާރު) ރިޕޯޓުގައި ބުނެފައިވަނީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިޞާދަށް އޭގެކުރިން ދުވަހަކު ވެސް ކުރިމަތި ނުވާވަރުގެ ބޮޑު ލޮޅުމެއް އެރުމަށްފަހު ރާއްޖޭގެ އިގްތިސާދު މިހާރު ވަނީ އަނބުރާ އިއާދަވުމުގެ މަގުމަތީގައި ކަމަށެވެ.
ދައުލަތުގެ ޚަރަދުތައް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި މެނޭޖުކުރުމަށާއި، ދަރަނި މެނޭޖުކޮށް އަދި ދެފުށް ފެންނަ ގޮތެއްގައި ދަރަނީގެ ކަންކަން ބެލެހެއްޓުމުގެ އިތުރަށް، ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށް ޢާމްދަނީ އިތުރުކުރުމަށްޓަކައި މުހިންމު އިސްލާހުތަކެއް ގެންނަން ޖެހޭކަމަށް ވާލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ވޯލްޑް ބޭންކުން ބުނިގޮތުގައި ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ދައުލަތުގެ ޚަރަދުތަކާއި ދަރަނި ބޮޑުވުމުގެ ބޮޑުބައެއް ހިއްސާކޮށްފައި ވަނީ އަސާސީ ޚިދުމަތްތަކާއި އުމްރާނީ ތަރައްގީގެ ވަސީލަތްތައް، ޚާއްސަކޮށް ބޯހިޔާވަހިކަމަށް، އިންވެސްޓްކުރުމަށެވެ. އެހެން ނަމަވެސް މި އިންވެސްޓްމަންޓްތަކުގެ ސަބަބުން ދިގު ރާސްތާގައި ރާއްޖޭގެ ތަރައްގީއަށް ފައިދާކުރި ނަމަވެސް، ދައުލަތުގެ ޚަރަދުތައް މިހާރަށް ވުރެ ހަރުދަނާ، ދެފުށްފެންނަ އަދި އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރެވޭ އިންވެސްޓްމަންޓްތަކަށް ހެދުމަކީ، ދައުލަތުގެ ޚަރަދުތަކާއި ދަރަނި މަތިވިޔަ ނުދީ ހިފެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
މި ރިޕޯޓާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ މި ރިޕޯޓަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މިހާރަށްވުރެ ހަރުދަނާ އަދި ފާގަތި މުސްތަގްބަލެއް ހޯދައިދިނުމަށްޓަކައި، ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ދައުލަތުގެ މާލިއްޔަތުގެ ޚަރަދުތައް ކުޑަކުރުމަށާއި ރައްޔިތުންގެ ފައިސާ ހެޔޮ ގޮތުގައި ހަރަދުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ލިބިދޭ ބާރެއް ކަމަށެވެ.
"އާމްދަނީ އިތުރުކުރުމަށް މިހާރު ކުރެވެމުންދާ އަދި ކުރިއަށް އޮތް ތާނގައި އިސްލާހީ މަސައްކަތްތަކަށް އެއްބާރުލުން ދީ، ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ރައްޔިތުންގެ ފައިސާ ހަރުދަނާ ގޮތެއްގައި ކަނޑައެޅޭނެ ދާއިރާތައް ދެނެގަތުމަށް އެހީތެރިވެދޭނެ،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.