މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ "ކޯޕަރޭޓް ސްކޮލާޝިޕް"ގެ ދަށުން އޭލެވެލްގެ ގަދަ 10ގައި ހިމެނޭ ދަރިވަރަކަށް ހާއްސަ ސްކޮލަޝިޕެއް ދޭން އެ ކުންފުނިން ނިންމައިފި އެވެ.

އެ ކުންފުނިން ވަނީ "ކޯޕަރޭޓް ސްކޮލާޝިޕް"ގެ އެއްބަސްވުމެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފަ އެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ޝާހިދު އަލީ އެވެ. އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ.

އެމްޕީއެލްގެ "ކޯޕަރޭޓް ސްކޮލާޝިޕް" އަކީ ކޮންމެ އަހަރެއްގެ އޭލެވެލް އިމްތިހާނުން ގަދަ 10 އެއްގައި ހިމެނޭ ދަރިވަރުންގެ ތެރެއިން ކޮންމެވެސް އެއް ދަރިވަރަކަށް އެމްޕީއެލްއާ ގުޅޭ ދާއިރާއަކުން މަތީ ތައުލީމު ހާސިލުކުރުމަށް ދޭ ފުރުސަތެކެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ކޮންމެ އަހަރަކު ދިނުމަށް ނިންމާފައިވާ މި ސްކޮލާޝިޕަށް ހަރަދުކުރާނީ އެމްޕީއެލުންނެވެ. ސްކޮލާޝިޕް އިއުލާނުކުރުމާއި ލިބޭ ދަރިވަރުން ހޮވުމާއި ސްކޮލާޝިޕް އެވޯޑުކުރުމުގެ ހުރިހާ މަރުހަލާއެއް ކުރިއަށް ގެންދާނީ މިނިސްޓްރީންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ އޭލެވެލް ނިންމާ ދަރިވަރުންގެ ތެރޭގައި ނެޝަނަލް ޓޮޕް 10ގައި ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ހިމެނޭ ކަމަށާއި ނަމަވެސް އެ ދަރިވަރުންނަށް ދޭ ހާއްސަ ސްކޮލާޝިޕް ޕްރޮގްރާމްތަކެއް އަދި ތައާރަފުކޮށްފައި ނުވާ ކަމަށެވެ.

ނަމަވެސް އެމްޕީއެލުން މިއަދު ފެށި ސްކޮލާޝިޕް ޕްރޮގްރާމުގެ ދަށުން އެފަދަ ދަރިވަރުންނަށްވެސް މިހާރު އެ ފުރުސަތު ހުޅުވާލެވިއްޖެ ކަމަށާއި އުއްމީދުކުރަނީ އެމްޕީއެލުން އިސްނަގައިގެން މިއަދު ފެށި ޕްރޮގްރާމާ އެއްގޮތަށް ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުން ވެސް މިފަދަ ސްކޮލާޝިޕް ފުރުސަތު ހުޅުވާލުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު ވިދާޅުވީ ޒުވާނުންނަށް ތައުލީމާއި ތަމްރީނު އަދި ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް އެ ކުންފުނިން އަބަދުވެސް އިސްކަމެއްދޭ ކަމަށެވެ. އަދި އެފަދަ ފުރުސަތުތައް ތަނަވަސްކޮށްދިނުމަކީ މީހުން ބިނާކުރުމަށް އެމްޕީއެލުން އަޅާ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު ހުޅުވާލި ސްކޮލާޝިޕްގެ އިތުރުން މި އަހަރު ތެރޭގައި އިތުރު ހަ ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލަން ހަމަޖެހިފައިވާ ކަމަށެވެ. މި ފުރުސަތުތަކުގެ ތެރޭގައި ހިމެނެނީ ޕޯޓްސް އޮޕަރޭޝަން ދާއިރާ އާއި ހެލްތް އެންޑް ސޭފްޓީ ދާއިރާ އާއި އިންޖިނިއަރިންގެ އެކި ދާއިރާތަަކުގެ ސްކޮލާޝިޕްތައް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.