މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އާ އެކު ކޯލިޝަން ހަދާފާނެ ކަމުގެ އިޝާރާތެއް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްވައިފި އެވެ.

މިރޭ އެމަނިކުފާނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ސިޔާމަކީ އަބަދުވެސް ގާތް ރަހުމަތްތެރިއެއް ކަމަށާއި އޭނާއާ ދެކޮޅުވެރިކަމެއް ނެތް ކަމަށެވެ.

"ސިޔާމަކީ އަޅުގަނޑުގެ ހަމަ ވަރަށް ގާތް ބޭފުޅެއް. އެހެންވީމަ ކޯލިޝަން ހަދަން ޖެހޭ ހިސާބަށް ގޮސްފި ކަމަށް ވަންޏާ އެމްޑީއޭ އަޅުގަނޑުމެން ރޫލް އައުޓެއް ނުކުރާނަން. އެމްޑީއޭ އެކީގައި ކޯލިޝަން ހަދަން ޖެހޭ ހިސާބަށް ގޮސްފިކަމަށް ވަންޏާ އެކަން ނިންމާނީ އަޅުގަނޑުމެންގެ ދެ ޕާޓީގެ ސެނެޓުން," ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް އެ ޕާޓީގެ ސެނެޓުން ވަނީ ފާސްކޮށްފަ އެވެ. އަދި އެކަން އެމަނިކުފާނު ވަނީ ގަބޫލުފުޅުކުރައްވާފަ އެވެ.

ޕްރައިމަރީއެއް ބޭއްވުމަކާ ނުލައި ޓިކެޓް ދޭން ނިންމުމުން ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވާތީ، އެކަމާ ގުޅޭގޮތުން ރައީސް ޔާމީން ވިދާޅުވި ރިޔާސީ ރޭހުގައި އެމަނިކުފާނާ ވާދަކުރާނެ ބޭފުޅަކު އެ ޕާޓީގައި ނެތް ކަމަށެވެ.

"އަދި އަޅުގަނޑުމެން މިކަން ކުރަމުން ދިޔައިރު އެއްވެސް މީހަކު ޕްރައިމަރީގައި ކުރިމަތިލާން [ޝައުގުވެރިކަމެއް] ވެސް [ފާޅުކޮށްފައެއް] ނެތް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަަސައްކަތް ފެށުމަށް އެމްޑީޕީގެ ކޮންގްރެސްއަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅޭގޮތުން ވެސް ރައީސް ޔާމީން މިރޭ ވާހަކަ ދެއްކެވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެންނަން ރައްޔިތުންގެ ވޯޓަކުން ފާހެއް ނުވާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ބަރުލަމާނީ ނިޒާމަށް އޭނާ ވެސް ތާއީދު ކުރާ ކަމަށެވެ. އަދި އެމަނިކުފާނާއި ނަޝީދުގެ ހިޔާލު އެއްގޮތްވާ ގޮތަކީ އެއީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެކަމަކު އެ ނިޒާމަކީ ރާއްޖެއާ ގުޅޭ ނިޒާމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މަރުގެ ހުކުމް ތަންފީޒުކުރުމުގެ ސިޔާސަތަށް ބަދަލެއް ނެތް

މިރޭގެ ޖަލްސާގައި ޔާމީން ވަނީ މަރުގެ އަދަބު ތަންފީޒު ކުރުމާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފަ އެވެ. ޔާމީން ވިދާޅުވީ އެކަމުގައި އެމަނިކުފާނުގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ކުރިން ވިސްނާލަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ތަހުގީގު މަރުހަލާގައި ކަން ހިނގާގޮތާއި އަދި ޝަރުއީ ނިޒާމުގެ އިންސާފުވެރިކަމާ މެދު ވިސްނާލަން ޖެހޭ ކަމުގައި ވިދާޅުވި އެވެ.

"އެހެން އިންސާނަކު ކިތައްމެ ނުބައި ވިޔަސް، އަނެއްކާ ވެސް މި ނެގެނީ އެހެން އިންސާނެއްގެ ފުރާނަ ދެއްތޯ؟ އެއީ ކުޑަ ކަމެއް ނޫން. އެއީ ވަލީއުލްއަމުރަކަށް ހުންނަ މީހަކަށް ވެސް، ހަމަ ލޯމަރާލައިފައި ލޯ ހުޅުވައިލާހާ ފަސޭހަ ކަމެއް ނޫން. އެއީ އޭނާ އުފުލަން ޖެހޭ އެންމެ ބޮޑު ޒިންމާ. އަދި އެކަން އެންމެ ބޮޑު ޒިންމާއަކަށްވާ ސަބަބު މިއަދުގެ ހަގީގަތްކުން ތި ބޭފުޅުން ގަބޫލުކުރައްވާ،" ރައީސް ޔާމީން ވިދާޅުވި އެވެ.