މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އިން ރާއްޖޭގައި ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކުރުމަށް ހިންގާ "ޕެޓް ރިވާސް ލޮޖިސްޓިކްސް ޕްރޮގްރާމް" އައްޑޫގައި ފަށައި، ކަނޑަށް އަޅާ ޕްލާސްޓިކް ކުނި މަދުކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު އެމްއޯޔޫއެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

މޯޕާގެ ބާނީ އަދި ރައީސް، ކުރީގެ އެންވަޔަރްމެންޓް މިނިސްޓަރު، ތޯރިގް އިބްރާހިމް އާއި އައްޑޫ މޭޔަރު އަލީ ނިޒާރު ސޮއިކުރެއްވި އެމްއޯޔޫގެ ދަށުން، އައްޑޫގައި ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ޕެޓް ފުޅި އެއްކޮށް، ރީސައިކަލް ކުރާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ފުޅި އެއްކުރާނީ ފިހާރަ، ކެފޭ/ރެސްޓޯރަންޓު އަދި ގެސްޓްހައުސްތަކުންނެވެ.

މޯޕާގެ މި ޕްރޮގްރާމުގައި މާލެ އާއި ރަށްރަށުގެ އިތުރުން ރިސޯޓުތަކުން ވެސް އަންނަނީ ބައިވެރިވަމުންނެވެ. މި ޕްރޮގްރާމުގެ ދަށުން އެއްކުރާ ފުޅިތައް މާލެ ފޮނުވައި، ރީސައިކަލް ކުރުމަށާއި، އަޕްސައިކަލް ކުރުމަށް ހަވާލުކުރާނީ ޕާލޭ މޯލްޑިވްސްއާ އެވެ.

މޯޕާގެ ޕެޓް ރިވާސް ލޮޖިސްޓިކްސް ޕްރޮގްރާމް އައްޑޫގައި ފެށުމަށް ސިޓީ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކުރަނީ. ފޮޓޯ: މޯޕާ

މި ޕްރޮގްރާމްގެ ދަށުން އެއްކުރާ ޕްލާސްޓިކް ފުޅިތައް ޕާލޭ މޯލްޑިވްސްއާ ހަވާލުކޮށްގެން ރީސައިކަލްކޮށް، އެކި ބްރޭންޑުތަކުގެ ބޫޓާއި މޫދަށް ދާއިރު ލާ ހެދުން އަދި އެހެނިހެން އަންނައުނު ފަދަ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަފާތު ތަކެއްޗަށް ބަދަލުކުރެ އެވެ.

މޯޕާ އިން ބުނިގޮތުގައި މި ޕްރޮޖެކްޓު އައްޑުއަށް ފުޅާކޮށްފައި ވަނީ ޕްރޮޖްކްޓުގެ ބައިވެރިންގެ އެހީތެރިކަމާ އެކު އެވެ. މަޝްރޫއުގެ ބައިވެރިންގެ ތެރޭގައި ހެޕީ މާކެޓް ޕްރައިވެޓް ލިމިޓެޑް އާއި މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ލިމިޓެޑް ހިމެނެ އެވެ.