ނިއު ޔޯކް (13 އޮގަސްޓް) - އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ލިޔުނު ފޮތުގެ މައްސަލާގައި އެތައް އަހަރުތަކެއް ވަންދެން ސިއްރިއްޔާތުގައި ދިރިއުޅެމުން ދިޔަ ސަލްމާން ރުޝްދީއަށް ރޭގެ ވަގުތެއްގައި ދިން ހަމަލާއަށްފަހު އޭނާ އޮތީ ވެންޓިލޭޓަރުގައި ކަމަށް ބުނެފި އެވެ.

ސަލްމާން ރުޝްދީގެ އެޖެންޓް އެންޑްރިއު ވައިލީ އީމެއިލް މެދުވެރިކޮށް މީޑިއާތަކަށް ހަބަރު ދީފައިވާ ގޮތުގައި ޒަހަމްތަކުގެ ސަބަބުން ރުޝްދީގެ އެއް ލޯ ގެއްލުން އެކަށީގެންވާއިރު ލިވާއަށް ވެސް ގިނަ ގެއްލުންތަކެއް ވަނީ ވެފަ އެވެ. އަދި މިވަގުުތު ފަރުވާ ދެމުން ގެންދަނީ ވެންޓިލޭޓަރުގައި ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

"އޮތީ އުފާވެރި ހަބަރެއް ނޫން. ރުޝްދީއަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި އަދި ވާހަކައެއް ވެސް ނުދެއްކޭ" އެންޑްރިއު ބުންޏެވެ.

ރާއްޖެ ގަޑިން ރޭގެ ވަގުތެއްގައި ރުޝްދީއަށް ހަމަލާ ދީފައިވަނީ ނިއު ޔޯކްގައި ބޭއްވި އިވެންޓެއްގެ ތެރެއިން ސްޓޭޖެއް މަތީގައި ވާހަކަ ދައްކަން ހުއްޓަ އެވެ. މިކަމުގެ ތުހުމަތުގައި 24 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު ހަމަލާގެ ފަހަތުގައިވާ ބޭނުމެއް އަދި ހާމައެއް ނުކުރެ އެވެ.

ހަމަލާއާއެކު ރުޝްދީ ހެލިކޮޕްޓަރެއްގައި ހޮސްޕިޓަލަށް ގެންދެވި ވަގުތުން ސާޖަރީތަކެއް ކުރެވެން ފެށި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

1988 ވަނަ އަހަރު ރުޝްދީ ލިޔުނު "ދަ ސާޓަނިކް ވާސަސް"ގައި އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކުރާ ފަދަ ވާހަކަތަކެއް ހުރުމުން އީރާނުން ވަނީ އޭނާގެ މަރާލި މީހަކަށް އިނާމު ހުށައަޅައިފަ އެވެ. އެކަމުގެ ސަބަބުން އެތައް އަހަރަކު ސިއްރިއްޔާތުގައި އުޅުމަށްފަހު އާއްމު ތަންތަނަށް ރުޝްދީ ނުކުންނަން ފެށީ ވަރަށް ފަހުންނެވެ.

އިންޑިއާ ނަސްލުގެ އިނގިރޭސި ރައްޔިތެއް ކަމަށްވާ ރުޝްދީގެ މައްސަލާގައި 1989 ވަނަ އަހަރު އިނގިރޭސި ވިލާތުން ވަނީ އީރާނާއެކު އޮތް ޚާރިޖީ ގުޅުންތައް ކަނޑާލާފަ އެވެ.

ރުޝްދީގެ އެ ފޮތް އިންޑިއާ ހިމެނޭހެން 13 ގައުމެއްގައި މަނާކޮށްފައި ވާއިރު ދިހަ އަހަރަށްވުރެ ގިނަ ދުވަސް ވަންދެން އުފަން ގައުމު އިންޑިއާއަށް އެތެރެވުން ވެސް ރުޝްދީއަށް އޮތީ މަނާކުރެވިފަ އެވެ.

ކީރިތި ރަސޫލާގެ ހަޔާތްޕުޅުގެ މައްޗަށް ބޭ އަދަބީ ވާހަކަތަކެއް އޭނާގެ ފޮތުގައި ޝާއިއުކޮށްފައިވާތީ އިސްލާމީ ދުނިޔޭގައި އޭނާ މަޝްހޫރު ވެފައިވަނީ އިބިލީހުގެ ބައިވެރިޔާގެ ގޮތުގަ އެވެ. -- ދަ ނިއު ޔޯކް ޓައިމްސް