ފީވަކަށް އެންމެ ބޭނުންވަނީ މޫދަށް އެރޭނެ ސަރަހައްދަކާއި ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުން ކަމަށް އެރަށު ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިހުގައި ދަންނަވައިފި އެވެ.

ފީވަކު ކައުންސިލުން މިގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިހުގައި ދެންނެވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި އެވެ.

މިކަމާ ގުޅިގެން ރައީސް ސޯލިހު ވިދާޅުވީ ފީވަކުގައި މޫދަށް އެރޭނެ ސަރަހައްދެއް ކަނޑައަޅައި އެސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތާއި، ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ ކަންކަން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކުރައްވައި، ބައްލަވައިދެއްވާނެ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ފީވަކު ކައުންސިލުން ވަނީ، އެރަށް އުމުރާނީ ގޮތުންނާއި އިގުތިސާދީ ގޮތުން އަދި، އިޖުތިމާޢީ ގޮތުން ތަރައްގީވާން ފަށާފައި ވަނީ މިސަރުކާރުގެ މިފާއިތުވި ހަތަރު އަހަރުގެ ތެރޭގައިކަން ފާހަގަކުރައްވައި، ރައީސް ސޯލިހާއި ސަރުކާރަށް ޝުކުރު ދަންނަވާފަ އެވެ. އަދި ފީވަކުގެ ތަރައްގީއަށްޓަކައި ވައުދެއް ވެވަޑައިގެންނެވި، ހަމައެކަނި ވެރިއަކީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ކަމަށާ، ރައީސް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ތަރައްގީގެ މަޝްރޫއުތައް ހިނގަމުންދާކަމަށާ އަދި ބައެއް މަޝްރޫއުތައް ނިމިފައިވާކަން ކައުންސިލުން ފާހަގަކުރައްވާފައިވެ އެވެ. އަދި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ކައުންސިލްތައް އުފެއްދުމަށްފަހުގައި، ފީވަކުގެ ތަރައްގީ އާއި ގުޅޭ ގޮތުން ރާއްޖޭގެ ރައީސް އާއި ބައްދަލުކުރުމުގެ ފުރުސަތެއް މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ލިބިފައި ނެތްކަން ވެސް ކައުންސިލް މެމްބަރުން ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހު ވަނީ، ސަރުކާރުން ފީވަކުގައި ކުރިޔަށް ގެންދާ ކަންކަން ފީވަކުގެ ރައްޔިތުން ބަލައިގެންފައިވުމުން އެކަން ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ.