އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ ރާއްްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމުގެ ސިޔާސަތަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ދެކޮޅު ހައްދަވައިފި އެވެ.

ފައްޔާޒް މިރޭ ވިދާޅުވީ ރާއްޖެ ކަހަލަ ކުޑަ ގައުމަކަށް ބަރުލަމާނީ އަކީ އެކަށީގެންވާ ނިޒާމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް އެ ނިޒާމު ގެނެސްފިނަމަ ފެންނާނީ ވިޔަފާރިވެރިންގެ ފައިސާއިން އިރުއިރުކޮޅާ ވެރިކަން ބަދަލުކުރާ މަންޒަރު ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ތަރައްގީގެ ދުވެލި މަޑުޖެހޭނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

ފެށުނީއްސުރެ އޭނާ ތާއީދު ކުރައްވާ ނިޒާމަކީ ރިޔާސީ ކަމަށާއި އަބަދުވެސް އޭނާ ހުންނަވާނީ އެގޮތުގައި ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

"ރާއްޖޭގައި މިހާރު އޮތީ ރިޔާސީ ނިޒާމެއް. ރައްޔިތުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް އެބަ ހިނގާ. މިވެރިކަން އަނިޔާވެރިއެއް ނޫން. ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުމުގެ ފުރުސަތު އެބައޮތް،" ފައްޔާޒް ވިދާޅުވި އެެވެ.

ފައްޔާޒް ވިދާޅުވީ ބަރުލަމާނީ ނިޒާމު ގެނެސްފިނަމަ ކޮރަޕްޝަން ވެސް އިތުރުވާނެ ކަމަށެވެ.

އަންނަ ހުކުރު ދުވަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްއަށް އެ ޕާޓީގެ ރައީސް ނަޝީދު ވަނީ ގިނަ ހުށަހެޅުންތަކެއް ހުށަހަޅުއްވާފަ އެވެ. އޭގެތެރޭގައި ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމުގެ މަސައްކަތް އެ ޕާޓީން ފެށުމަށް ފާސްކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުން ވެސް ހިމެނެ އެވެ.

ރައީސް ނަޝީދުގެ އެ ހުށަހެޅުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ގިނަ މެންބަރުން އަންނަނީ ދެކޮޅު ހައްދަވަމުންނެވެ.