އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ރީސައިކަލްކޮށް، އަލުން ބޭނުން ކުރެވޭ ތަކެތި އުފެއްދުމަށް ހުޅުމާލޭގައި މެޓީރިއަލް ރިކަވަރީ ފެސިލިޓީ (އެމްއާރުއެފް)އެއް ގާއިމް ކުރަން މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ)އިން ނިންމައިފި އެވެ.

މޯޕާ އަކީ ކުރީގެ އެންވަރަމެންޓް މިނިސްޓަރު ހުންނެވި ތޯރިގް އިބްރާހިމް، މީގެ ދެ އަހަރު ކުރިން އުފެއްދެވި ޖަމިއްޔާ އެކެވެ.

އުކާލާ ޕްލާސްޓިކް އެއްކޮށް، ރީސައިކަލް ކުރުމަށް ފެސިލިޓީ އެޅުމުގެ އެއްބަސްވުމުގައި މޯޕާ އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ސޮއިކޮށްފަ އެވެ.

މޯޕާއިން ބުނިގޮތުގައި ޕީއީޓީ ފުޅި ފަދަ ތަކެތި އެއްކޮށް، ރިސައިކަލް ކުރުމުގެ ސަބަބުން، އެ ޖަމިއްޔާގެ އެންމެ ބޮޑު އެއް މަގްސަދު ކަމަށްވާ، ކަނޑަށް ކުނި އަޅާ މިންވަރު ވެސް މަދުކުރެވޭނެ އެވެ.

އެޗްޑީސީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ފެސިލިޓީ ގާއިމު ކުރުމަށް ހުޅުމާލެއިން ބިމެއް ލިބޭނެ އެވެ. އަދި އެ ފެސިލިޓީ ގާއިމް ކުރާނީ އެމްއޯޕީއޭ އިން ޕީއީޓީ ފުޅި އާއި އެ ފަދަ ކުނިއެއްކޮށް، ބެއިލްކޮށް އަދި ޕެކޭޖް ކުރާނެ ޕްލާސްޓިކްއާ ދެކޮޅަށް، އެ ޖަމިއްޔާ އާއި އެޗްޑީސީއިން އެކުގައި މަސައްކަތް ކުރާނެ އެވެ.

އޭގެ އިތުރުން ހުޅުމާލޭގެ ދެ ފިޔަވަހީގައި އެމްއޯޕީއިން 345 ޑަސްބިން ބަހައްޓާނެ އެވެ. މިއީ މަގުމަތިން ދާއިރު ޕީޓީއީ ފުޅި އާއި އެ ފަދަ ކުނި އެޅުމަށް ހާއްސަކުރާ ޑަސްބިންތަކެއް ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

މޯޕާ އިން ބުނިގޮތުގައި އެކި މުއްދަތުތަކަށް ބަހާލައިގެން، ހުޅުމާލޭގެ ބީޗު ސާފުކުރުމުގެ ޕްރޮގްރާމްތައް ހިންގާނެ އެވެ.

އެ ޖަމިއްޔާއިން ބުނިގޮތުގައި މި އެއްބަސްވުމުގެ ދަށުން އެ ޖަމިއްޔާގެ އެންމެ ބޮޑު މަގްސަދަކީ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކާއި ކުނި ނައްތާލުޟާ ގުޅޭ ގޮތުން ޒުވާނުންނާއި އާއްމުން ހޭލުންތެރި ކުރުވުމެވެ.