ހަކުރު ބައްޔަކީ ރާއްޖޭގައި އެންމެ އާއްމު ބަލި ކަމަށް ދެންނެވުމުން ގޯހަކަށް ނުވާނެ އެވެ. އެކި އުމުރުފުރާގެ މީހުން މި ބަލީގެ ޝިކާރައަކަށްވެ ފަރުވާ ހޯދަމުން އަންނައިރު ބަލީގެ ކުރީކޮޅު ފާހަގަ ވެއްޖެ ނަމަ މިއީ ކޮންޓްރޯލް ކުރެވިދާނެ ބައްޔެކެވެ. އެހެން ކަމުން ހަކުރު ބަލީގެ އެންމެ ފުރަތަމަ އަލާމާތްތައް އެނގިފައި އޮތުމަކީ މުހިއްމު ކަމެކެވެ.

ގިނައިން ކުޑަކަމުދެވުން

ލޭގައި ހަކުރު ހުންނަ މިންވަރު އިތުރުވާ ވަރަކަށް، އެ ހަކުރު "ފުރޭނުމަށްޓަކައި" ހަށިގަނޑުން ކިޑްނީއަށް ލޭ ފޮނުވާ މިންވަރު އިތުރުވެ، ކިޑްނީން ކުޑަކަމުދާ ނަޖިސް އުފައްދާ މިންވަރުވެސް އިތުރުވާނެ އެވެ. ނަތީޖާއަކަށްވަނީ ގިނަގިނައިން ފާހާނާއަށް ދާން ޖެހުމެވެ.

އަނގައިން ނުބައި ވަސް ދުވުން

ގިނައިން ކުޑަކަމު ދިޔުމުގެ ސަބަބުން ބަނޑުހައި ވާނެ އެވެ. ބަނޑުހައިވި ވަރަކަށް އަނގަ ހިކި އަނގައިން ދުވާ ވަހަށް ބަދަލުތައް އަންނާނެ އެވެ. ދިރާސާ ތަކުން ބުނާ ގޮތުގައި ހަކުރު ބަލި ހުންނަނަމަ އަނގައިން ނުބައި ވަސް ދުވުމުގެ ފުރުސަތު ވަރަށް ބޮޑުވެ އެވެ.

ލޯ ނުސާފުވުން

ލޯ ނުސާފުވުމަކީ އާއްމުގޮތެއްގައި ހަކުރު ބަލި ހުންނަ ގިނަ އަންހެނުންނަށް ފެންނަ އަލާމަތެކެވެ. ސަބަބަކީ ހަކުރު މައްޗަށް ދިޔަ ވަރަކަށް ލޮލުގެ ލެންސަށް ފެން އެތެރެވާތީ އެވެ. މިކަން ވިޔަ ނުދިނުމަށްޓަކައި ގުލްކޯޒް ހަށިގަނޑަށް އިތުރުކުރަން ޖެހޭނެ އެވެ

އަތްފައި އައްސިވުން

އަތް ނުވަތަ ފައި އައްސިވުމަކީވެސް ހަކުރު ބަލީގެ އަލާމާތެކެވެ. މިކަން މިގޮތަށް ވަނީ ހަށިގަނޑުގެ ބައެއް ގުނަވަންތަކަށް ދައުރުވާން ޖެހޭ ވަރަށް ލޭ ދައުރު ނުވާތީ އެވެ.

ބަރުދަނަށް ބޮޑެތި ބަދަލުތަކެއް އައުން

ލޭގައި ހުންނަ ހަކުރުގެ މިންވަަރު އިތުރުވާނަމަ ހަށިގަނޑުގައި ހުންނަ ސަރުބީގެ މިންވަރަށާއި ހަށިގަނޑުގެ މަސްތަކަށް ނޭދެވޭ އަސަރު ކުރެ އެވެ. ނަތީޖާއަކަށް ވަނީ އެއްވެސް އިތުރު ސަބަބަކާ ނުލާ މާ ބޮޑަށް ހިކުން ނުވަތަ ފަލަ ވުމެވެ.