އެމްޑަބްލިއުއެސްސީގެ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެ ކުންފުނީގެ ސްޓާފް ނައިޓް ރޭ ބާއްވައިފި އެވެ.
މުވައްޒަފުންގެ ހުނަރުވެރި ހުށައެޅުންތަކާ އެކު ހުރަވީ ސްކޫލުގައި ބޭއްވި އެމްޑަބްލިޔުއެސްސީގެ ސްޓާފް ނައިޓްގައި ދިގު މުއްދަތެއްގައި ކުންފުންޏަށް ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންނާއި ރިޓަޔާކުރައްވާފައިވާ މުވައްޒަންގެ އަގު ވަޒަންކޮށް އެ ފަރާތްތަކަށް ވަނީ އެވޯޑް ދީފަ އެވެ.
މީގެ އިތުރުން ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ހީވާގިކަމާ އެކު މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ އެ ކުންފުންޏަކީ އަބަދުވެސް މުވައްޒަފުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ. އެގޮތުން މި އަހަރު ކުންފުނީގެ މުވައްޒަފުނަށް 40 އަށް ވުރެ ގިނަ ތަމްރީން ޕްރޮގްރާމް ހިންގާފައިވާ ކަމަށާއި އެ ޕްރޮގުރާމްތަކުގައި 525 މުވައްޒަފުން ބައިވެރިވެ ތަމްރީން ފުރިހަމަ ކުރިކަން އެމްޑީ ފާހަގަ ކުރެއްވި އެވެ.
"26 ތަމްރީން ޕްރޮގްރާމަކީ ރާއްޖެއިން ބޭރުގެ އެކިއެކި ތަމްރީންދޭ މަރުކަޒުތަކާއި އިންސްޓިޓިއުޓް ގުޅިގެން ހިންގުނު ޕްރޮގްރާމް. އަދި ބާކީ 14 ޕްރޮގްރާމަކީ ރާއްޖޭގެ އެކިއެކި ކޮލެޖް އަދި ތަމްރީންދޭ ފަރާތްތަކާއި ގުޅިގެން ކުންފުނީގެ ފަރާތުން ހިންގާފައިވާ ޕްރޮގްރާމްތައް،" ޝާހު ވިދާޅުވި އެވެ.
މީގެ އިތުރުން، މި ހަފްލާގައި އެމްޑަބްލިޔުއެސްސީގެ "ފެން ކުލަބު" އަށް ގެނައުމަށް ހަމަޖެހިފައިވާ ބަދަލުތަކެއް ވަނީ އިފްތިތާފުކޮށްފަ އެވެ.
މިއަދު އެމްޑަބްލިއުއެސްސީ އަކީ 100% ދިވެހި މެނޭޖްމެންޓެއް އޮތް، ކާމިޔާބުކަމާ އެކު ހިންގަމުންދާ ފަޚުރުވެރި ކުންފުންޏެކެވެ. މި ކާމިޔާބީތަކާއި ހިންގުންތެރިކަމުގެ ހަގީގީ މޭސްތިރިންނަކީ ކުންފުނީގެ ހީވާގި މުވައްޒަފުން ކަމުން، މުވައްޒަފުންގެ ހިދުމަތްތައް ފާހަގަކޮށް އަގުވަޒަން ކުރުމަކީ ކުންފުނިން ނުހަނު އިސްކަމެއް ދޭ ކަމެކެވެ.