ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)އިން މާލޭގައި ފަށާ މިނީ ބަސް ތަޖުރިބާކޮށްލުމުގެ ނުރަސްމީ ދަތުރުތައް ކުރިއަށް ގެންގޮސްފި އެވެ.

އެމްޓީސީސީއިން ވަނީ މާލޭ އާއި ތިން އަތޮޅެއްގައި މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި ބޭނުންވާ ބަސްތައް މިދިޔަ މަހު ރާއްޖެ ގެނެސްފަ އެވެ. ރާއްޖެއަށް 36 ބަހެއް ގެނެސްފައިވާއިރު 12 ބަހެއް މާލޭގައި ބޭނުން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ބާކީ ހުރި 24 ބަސް ބޭނުންކުރާނީ އަތޮޅުތަކުގައި އެވެ. މިއީ 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށާއިރު، ބަސް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑުކޮށް މަޖީދީ މަގުންނާއި އަމީނާ މަގުންނެވެ. ހަމައެހެންމެ އެ މަގުތަކުގައި ވެހިކަލްތައް ޕާކް ކުރުން މަނާކޮށްފައިވާއިރު، އެ މަގުތަކުގައި ވެހިކަލް ޕާކު ކުރާ މީހުންނަށް ސިޓީ ކައުންސިލުން ދަނީ ޕާކު ކުރުމަށް ޒޯންތަކެއް ހަމަޖައްސައިދެމުންނެވެ.

މިނީ ބަހުގެ ދަތުރުތައް ތަޖުރިބާ ކުރުމަށް ރޭ މި ދަތުރުތައް ފަށާފައިވާއިރު، އެ ދަތުރުތައް ކުރިއަށް ގެންދިޔައީވެސް އަމީނީ މަގުގަ އާއި މަޖީދީ މަގުގަ އެވެ. އެހެންނަނަމަވެސް މިނީ ބަހުގެ ދަތުރުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ ކޮން ދުވަހަކު ކަމެއް އެމްޓީސީސީން އަދި ހާމަކޮށްފައެއް ނުވެ އެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ދޭން ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ރިޔާސީ ވައުދެކެވެ. އެއީ އެމަނިކުފާނު ރިޔާސަތާއި ހަވާލުވެ ވަޑައިގަންނަވާތާ 100 ދުވަހުގެ މުއްދަތުގައި ކުރަން ނިންމެވި ކަމެކެވެ.