ނުވަދިހައިގެ އަހަރުތަކުގައި ފިރިހެން ބަތަލުންގެ ރޯލުތަކުން އެންމެ ވިދާލި ފަންނާނުންގެ ތެރޭގައި ހިމެނޭ އެކަކީ ގޯވިންދު އަރުން އަހޫޖާ އެވެ. އޭނާ އާންމުންގެ ތެރޭގައި މަޝްހޫރު ވެފައިވަނީ ގޯވިންދާގެ ނަމުންނެވެ.

ގޯވިންދާ ބޮލީވުޑްގައި އެންމެ ބޯޑަށް ވިދާލި ދުވަސްތަކަކީ އޭނާއާ ހިންދީ ސިނަމާގައި އޭރު ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ރާނީ މުކަރްޖީއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްވަރެވެ.

އެގޮތުން ރާނީއާ އެކު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްވަރު އޭނާއަށް އަގު ބޮޑެތި ގިނަ ހަދިޔާ ދިންކަމަށްވެ އެވެ. އަދި ރާނީއަށް އޭރުގެ އެންމެ އަގު ބޮޑެތި ކާރާއި، ފްލެޓްތައް ހަދިޔާކުރި ވާހަކަތަކަކީ 2000 ވަނަ އަހަރު އެންމެ ބޮޑަށް ފިލްމު އިންޑަސްޓްރީގައި ދެކެވުނު ވާހަކަ ތަކެވެ.

ނަމަވެސް އެ ވާހަކަތައް ގޯވިންދާގެ އަންހެނުން ސުނީތާ އަހޫޖާ އަށް މެގަޒިންއެއްގައި ލިޔެފައި އޮއްވައި ފެނުނު ކަމަށްވެ އެވެ. އަދި އޭގެ ފަހުން ގޯވިންދާ އެއްވެސް ވަރަަށް ރާނީއާ ގުޅުން ނުބާއްވާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ.

ސުނީތާއާ ކައިވެނިކޮށް، ގޯވިންދާއަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ލިބިފައިވާއިރު، ރާނީ ކައިވެނި ކުރީ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު އާދިތުޔާ ޗޯޕްރާއާ އެވެ. އަދި އެދެމީހުންނަށް ވަނީ އަންހެން ކުއްޖަކު ލިބިފަ އެވެ.