ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަން އިން ޕްރޮޑިއުސްކުރި "ގޯވިންދާ ނާމް މެރާ" ޑިޒްނީ ޕްލަސް ހޮޓްސްޓަ ފައިދާއެއް ނުވާ ގޮތަށް ވިއްކާލައިފި އެވެ.
ވިކީ ކޯޝާލް އާއި ކިއަރާ އަދުވާނީ އަދި ބޫމީ ޕަދްނޭކާރް ލީޑް ރޯލުން ފެނިގެންދާ "ގޯވިންދާ ނާމް މެރާ" ޑިޒްނީ ޕްލަސް ހޮޓްސްޓާއަށް ވިއްކާލަން ނިންމީ މިދުވަސް ވަރު ހިންދީ ފިލްމުތަށް ބޮއިކޮޓް ކުރުމަށް ގޮވާލާ ވަރުގަދަ ކެމްޕޭނެއް ސޯސަލް މީޑިއާގައި ކުރިއަށްދާތީ އެވެ.
ކޮވިޑަށް ފަހު ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ސިނަމާގައި އެޅުވި ނަމަވެސް އެފިލްމުތައް ބަލާނެ ބަޔަކު ސިނަމާއަކަށް ނުދެ އެވެ. އެއީ ބޮލީވުޑާ ދެކޮޅަށް ވަރުގަދަ ކެމްޕޭނުތަކެއް ސޯސަލް މީޑިއާގައި ކުރިއަށް ގެންދާތީ އެވެ.
ސިނަމާތަކުގެ މައްޗައް ކުރިހޯދަމުން އަންނަ އޯޓީޓީ ޕްލެޓްފޯމް މިހާރު ވަރަށް ވަރުގަދަ ކޮށްފައިވާއިރު އޯޓީޓީގައި ރިލީޒްކުރާ ގިނަ ފިލްމުތަކަށް ކާމިޔާބުތަކެއް ވަނީ ލިބިގެން ގޮސްފަ އެވެ. ކޮށްލައިފިއެވެ. މިއާއެކު ގިނަ ޕްރޮޑަކްޝަން ހައުސް ތަކުން ސިނަމާގެ ބަދަލުގައި މިފަދަ ޕްލެޓްފޯމް އަކަށް ފިލްމް ވިއްކައިލައިގެން ފައިދާ ހޯދޭތޯ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެގޮތުން ކަރަން ޖޯހަރުގެ ދަރުމާއިން ޕްރޮޑިއުސްކޮށް ޝަޝަންކް ކައިތާނު ޑައިރެކްޓް ކޮށްފައިވާ "ގޯވިންދާ ނާމް މެރާ" ޑިޒްނީ ޕްލަސް ހޮޓްސްޓާއަށް ވިއްކާލާފައިވަނީ 62 ކްރޯޑް ރުޕީސްއަށެވެ.
މި ފިލްމުގެ ޑިޖިޓަލް ރައިޓްސްގެ އަގަކީ 42 ކްރޯޑް ރުޕީސް އަދި ސެޓެލައިޓް ރައިޓްސްގެ އަގަކީ 20 ކްރޯޑް ރުޕީސް އެވެ. "ގޯވިންދާ ނާމް މެރާ" އަށް ދަރްމާ އިން ފުރަތަމަ ކީ އަގަކީ 80 ކްރޯޑް ރުޕީސް އެވެ. ނަމަވެސް އެ އަގަށް ގަންނާކަށް އެއްވެސް ބަޔަކު ޝައުގުވެރިއެއް ނުވި އެވެ. އެންމެ ފަހުން ޑީލް ލޮކް ކުރީ 62 ކްރޯޑް ރުޕީސްއަށެވެ. ނަމަވެސް މިއަގަށް ފިލްމު ވިއްކައިގެން ދަރްމާއަކަށް އެއްވެސް ފައިދާއެއް ނުލިބޭނެ އެވެ.
ފިލްމުގެ ބަޖެޓާއި ވިއްކާލައިގެން ލިބޭ އާމްދަނީއާ އެއްވަރުވެފައިވާކަމަށާއި ޓީމު މިހާރު އޮތީ ނޯ ޕްރޮފިޓް ނޯ ލޮސް ޒޯނެއްގައިކަމަށް ޕްރޮޑަކްޝަން ޓީމާއި ގުޅުންހުރި ފަރާތަކުން ވަނީ ބުނެފަ އެވެ. އެއީ މިދަނޑިވަޅުގައި ގެއްލުން ލިބުމަށް ވުރެ މާ ރަގަޅުކަމެއްކަމަށްވެސް ޕްރޮޑަކްޝަން ޓީމުން ބުނެފައިވެ އެވެ.
ހެއްވާ މަޖާ ކަންތައްތަކެއް ގެނެސްދޭ "ގޯވިންދާ ނަމް މެރާ" ޑިޒްނީ ޕްލަސް ހޮޓްސްޓަރ އިން ރިލީޒްކުރާނީ އަންނަ ނޮވެމްބަރު މަހު އެވެ.