މަޝްހޫރު އެކްޓަރު އަނިލް ކަޕޫރްގެ ދޮށީ ދަރިފުޅު ސޯނަމް އާއި އާނަންދު އަހޫޖާއަށް ލިބުނު ފިރިހެން ދަރިފުޅު ގެއަށް ގެނައުމާ އެކު އެ ސަރަހައްދުގައި ތިބި ނޫސްވެރިންނަށް އަނިލް މެޓާ ބަހައިފި އެވެ.

މިދިޔަ ހަފްތާގައި ސޯނަމް އާއި އޭނާގެ ފިރިމީހާއަށް ފިރިހެން ކުއްޖަކު ލިބިފައިވާއިރު، ބޮލީވުޑްގެ ގިނަ ތަރިން ދަނީ އެދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ. އެގޮތުން ދަރިފުޅާ އެކު ސޯނަމް ހޮސްޕިޓަލަށް ދޫކޮށްލާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

ސޯނަމްގެ ބައްޕަ އަނިލްގެ މޫނުމަތިން އުފާވެރިކަން ފެންނަމުންދާއިރު، އަނިލް އާއި ސޯނަމްގެ ފިރިމީހާ އާނަންދު ވަނީ އެ ސަރަހައްދުގައި ތިބި އާންމުންނަށާއި، ނޫސްވެރިންނަށް މެޓާ ބަހާފަ އެވެ.

ސޯނަމް އާއި އާނަންދު ކައިވެނި ކުރީ 2018 ވަނަ އަހަރު އެވެ.

ސޯނަމް ބަނޑުބޮޑުކަން އިއުލާނުކޮށްފައި ވަނީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ.

ކައިވެނިކުރި ފަހުން ސޯނަމް ފިލްމީ މަސައްކަތްތަކާ ވަރަށް ބޮޑަށް ދުރުވެ، އާންމުކޮށް ދިރިއުޅެމުން އައީ އާނަންދާއެކީ ލަންޑަންގަ އެވެ.