ޓޯކްޔޯ (27 އޮގަސްޓް) - ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާ ދައުލަތުގެ ރަސްމީ އިއްޒަތުގައި ބޭއްވުމަށް 2.5 މިލިއަން ޑޮލަރުގެ ބަޖެޓެއް އެގައުމުގެ ކެބިނެޓުން ކަނޑައަަޅައިފި އެވެ.

އެހެން ނަމަވެސް މި ބަޖެޓުގައި ހަމެއެކަނި ހިމެނެނީ ޖަނާޒާ ބާއްވާނެ ތަނާއި ދަތުރުފަތުރުގެ އިތުރުން އާއްމުން ޒިޔާރަތް ކުރާނެ ތަން ކަމަށް ވެފައި އިއްޒަތްތެރިންގެ ސެކިއުރިޓީ ފަދަ ކަންކަން ނުހިމެނޭތީ ހަގީގަތުގައި މިކަމަށް ހިނގާނެ ހަރަދު އިތުރުވާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

ސެޕްޓެމްބަރު މަހު 27 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މި ޖަނާޒާއަށް 6000 އެއްހާ މެހެމާނުން ބައިވެރިވާނެ ކަމަށް ބެލެވޭއިރު އޭގެ ތެރޭގައި ފްރާންސްގެ ރައީސް އިމެނުއަލް މެކްރޯންގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އެމެރިކާގެ ނާއިބު ރައީސް ކަމަލާ ހެރިސް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އަބޭއަށް ދައުލަތުގެ ފެންވަރުގެ ޖަނާޒާއެއް ދިނުމާމެދު ޖަޕާނުގެ ރައްޔިތުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދިފައިވާއިރު މިކަން ހުއްޓުވުމަށް އާއްމުންގެ ބަޔަކު ވަނީ ޕެޓިޝަނެއް ވެސް ފަށާފަ އެވެ. މިހާތަނަށް މި ޕެޓިޝަނަށް 6000 ސޮއި ލިބިފައިވެ އެވެ.

ޖަޕާނުގައި ދައުލަތުގެ އިއްޒަތާއެކު ޖަނާޒާތައް ބޭއްވެނީ ޓެކްސް ފައިސާއިންނެވެ. އެހެން ކަމުން މިފަދަ އަގުބޮޑު ގޮތަކަށް ޖަނާޒާ ބޭއްވުމަކީ އާއްމު ރައްޔިތުންގެ ފައިސާ ބޭކާރު ކުރުން ކަމަށް ޕެޓިޝަންގައި ބައިވެރިވި މީހުން ބުނެ އެވެ.

އަބޭ މަރުވިތާ ދެމަސް ފާއިތުވާ ފަހުން ބާއްވަން ހަމަޖެހިފައިވާ މި ޖަނާޒާއަކީ އެގައުމުގެ އާއްމުންގެ މެދުގައި މައްސަލަބޮޑު ކަމަކަށް މިވަނީ ވެފަ އެވެ.

އަބޭ މަރުވެފައިވަނީ ޖުލައި މަހުގެ 8 ވަނަ ދުވަހު ސިޔާސީ އެއްވުމެއްގައި ވާހަކަ ދައްކަވަމުން ގެންދަވަނިކޮށެވެ. އޭނާގެ ގަޑިއަށް ބަޑިޖެހުމުގެ ތުހުމަތުގައި 41 އަހަރުގެ މީހަކު މިހާރު ވަނީ ހައްޔަރު ކުރެވިފަ އެވެ. -- ދަ ސްޓްރެއިޓް ޓައިމްސް