މަޝްހޫރު ތަރި ކެޓްރީނާ ކެއިފް އަކީ ބޮލީވުޑް ފިލްމު އިންޑަސްޓްރީގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފަންނާނެކެވެ.

ގިނަ އަދަދެއްގެ ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ކެޓްރީނާ ގެނެސްދީފައިވާއިރު، އޭނާއާ އެކު ފިލްމު ނުކުޅޭ ޒުވާން އެކްޓަރުން ފިލްމު އިންޑަސްޓްރީގައި މަދުވާނެ އެވެ. އޭގެ ތެރޭގައި ކެޓްރީނާއަށް ވުރެ ކުރު މީހުންވެސް ހިމެނެ އެވެ.

އެކަމާއި ގުޅިގެން މަޝްހޫރު ކޮމެޑީ ޝޯ 'ކޮމެޑީ ވިތް ކަޕިލް' ޝޯ ގައި ވާހަކަދައްކަމުން ކެޓްރީނާ ވަނީ އޭނާއާ އެކު ކުރު އެކްޓަރަކު މަސައްކަތް ކުރާނަމަ، އޭނާ ކަންތައް ކުރާގޮތް ކިޔައިދީފަ އެވެ.

އާންމުގޮތެއްގައި ގިނަ ބަޔަކަށް ކަމުދަނީ ބަތަލާ، ބަތަލަށް ވުރެ ކުރުވީމާ ކަން ފާހަގަކޮށް، ކެޓްރީނާ ބުނީ، ކުރު އެކްޓަރަކާ އެކު މަސައްކަތް ކުރާނަމަ އޭނާ ފައި ކުރު ކޮށްލާ ކަމަށެވެ. އަދި ކުޑަކޮށް، ކޮނޑުން ވަރު ދޫކޮށްލައި ކޮނޑު ތިރިކޮށްލާކަމަށް ކެޓްރީނާ ބުނެފައިވެ އެވެ.

ކެޓްރީނާ އޭނާގެ ފިލްމީ ކެރިއަރު ފެށީ އުމުރުން އެންމެ 14 އަހަރުގަ އެވެ. އޭރު އޭނާގެ ކެރިއަރު ފެށީ 'ސާޔާ' ނަމަކަށް ކިޔާ ފިލްމަކުންނެވެ. އަދި މިހާތަނަށް އޭނާ ވަނީ 53 އަށްވުރެ ގިނަ ފިލްމު ކުޅެފަ އެވެ.