އެމްޑީޕީ ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާ ގޭދޮށު މަސްފެކްޓްރީތަކުގެ ތެރެއިން އެއްވެސް ރަށެއްގައި މިފަދަ ފެކްޓްރީއެއް ގާއިމް ނުކުރެވޭކަން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދް ހަސަން ހާމަކުރައްވައިފި އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިއަދު މަޖިލީހުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ވައްޑެ ސުވާލުކުރެއްވީ ރަށްރަށާއި އަމިއްލަ ގޭތެރޭގައި ކުދި މަސްޕްލާންޓް ހަދައި ހިންގޭނެ ގޮތް ތައާރަފުކޮށް، ރަށަށް ބާނާ މަސް ގަނެ ބަންދުކޮށް، ރަށުން ބޭރުކުރެވޭނެ ހަމަތައް އެކުލަވާލެވިއްޖެތޯ އާއި އެފަދަ ކިތަށް ގޭދޮށު މަސް ޕްލާންޓު މިހާތަނަށް ގާއިމްކޮށް ހިންގަމުން ދޭތޯ އެވެ.

ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެކަހަލަ ތިން ޕްލާންޓް އެޅުމުގެ މަސައްކަތް އައްޑޫގައި ހިނގަމުންދާ ކަމަށާއި، ނ.ކެނދިކުޅުދޫގައި ވެސް އެފަދަ ޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"އެކަމަށް އެދިވަޑައިގަންނަވާ ފަރާތްތަކަށް އެކަމުގެ ހުއްދަދީ، އެކަން ކުރިއަށް އެބަ ގެންދަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ ޖަވާބުގައި މި މަސައްކަތް ނިންމާލެވޭނެ ދުވަހެއް ވެސް ވިދާޅެއް ނުވެ އެވެ.

މި ސަރުކާރުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ ކަމަށް ބުނާ ގޭދުށު މަސްޕްލާންޓްގެ މަސައްކަތްތައް ވެސް ކުރިއަކަށްނުދެ އެވެ. އަދި މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދޭތީ މަސްވެރިންނާއި މަސްވެރި އާއިލާތަކުގެ ޝަކުވާތައް ވަނީ ކުރިމަތިވެފަ އެވެ.