މީގެ ކުރިން ފުވައްމުލަކަށް ޒިޔާރަތްކުރާ މީހުން ކޮންމެހެން ވެސް އެ ރަށުގެ ހިތްގައިމު ދޮންވެލި ތުނޑި ބަލާލަން ދާނެ އެވެ. ނުވަތަ ރަށުގެ ހަވިއްތަ އާއި ކަޅުއަކިރި ގަނޑު ފަދަ ތަންތަން ބަލާލަން ބޭނުންވާނެ އެވެ.

ނަމަވެސް ފަހަކަށް އައިސް ފުވައްމުލަކަށް ޒިޔާރަތްކުރާ ވަރަށް ގިނަ މެހުމާނުންގެ "ބަކެޓް ލިސްޓް"ގައި އިތުރު ތަނެއް މިވަނީ ހިމެނިފަ އެވެ. އެއީ އެރަށުގެ ކުދި ބޮޑު އެންމެން މެދުގައި މަޝްހޫރު "ބާބާ ގާޑިޔާ" އެވެ.

"ބާބާ ގާޑިޔާ" ނަމުން ނަންދީފައި އޮތަސް އެއީ އާދައިގެ ގާޑިޔަލެއް ނޫނެވެ. އެއީ ކުރިއަރާފައިވާ ވަރަށް ގިނަ ގައުމުތަކުގައި ޕާކުތަކާއި އާއްމުންގެ ގިނަ ބަޔަކު ޖަމާވާ އައުޓްޑޯ އިވެންޓްތަކުގައި ބޭނުންކުރާ ވައްތަރުގެ ފުޑް ޓްރަކެކެވެ. 14 ފޫޓު ދިގު، ހަތް ފޫޓު އުސް އަދި ހަ ފޫޓު ފުޅާ މި ޓްރަކަކީ ބެޓެރިން ދުއްވާ މޮބައިލް ބަދިގެއެކެވެ.

ބައެއް ފަހަރު އެ ގާޑިޔާ އެ ރަށުގެ ބަނދަރުގައި ނުވަތަ ރަށުގެ ހިތްގައިމު ތުނޑީގައި ވެސް ހިދުމަތްދޭން ގޮސް ހިދުމަތް ދެ އެވެ. ހާއްސަކޮށް "މާހިފުން" ދުވަސް އަދި އީދު ދުވަސްތަކުގައި ވެސް އެ ގާޑިޔާ ރަށުގެ އެކި ތަންތަނަށް ގޮސް ހިދުމަތް ދެ އެވެ. އެކަމަކު އާއްމުކޮށް އެ ގާޑިޔާ އޮންނަނީ އަތީގުގެ ގޯތި ތެރޭގައި ޕާކުކޮށްފަ އެވެ.

ފުވައްމުލަކުގެ މަޝްހޫރު "ބާބާ ގާޑިޔާ". އެ ރަށްދާ ގިނަ ބައެއްގެ ސަމާލުކަން މި ގާޑިޔާއަށް އަންނަނީ ލިބެމުން. ފޮޓޯ: އަތީގު

ރާއްޖޭގެ އެންމެ ހިތްގައިމު އެ ރަށް، ފުވައްމުލަކަށް އެކި ބޭނުންތަކުގައި ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކުރެ އެވެ. މިހާރު އެ ރަަށަށް ދާ މީހުން ވެސް ކޮންމެހެން ވެސް ބާބާ ގާޑިޔާގެ އަޖުމަ ބަލާލަން ބޭނުންވެ އެވެ. މީގެ ތެރޭގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން ކެބިނެޓްގެ ވަޒީރުންނާއި ސިޔާސީ އެކި ބޭފުޅުންގެ އިތުރުން އެ ރަށަށް ދާ ޓޫރިސްޓުންގެ ވެސް ބޮޑު ސަމާލުކަމެއް އެ ގާޑިޔާއަށް އަންނަނީ ލިބެމުންނެވެ.

"ބާބާ ގާޑިޔާ"ގެ ފޮޓޯ ސްޓޭންޑްގައި ތިން މީހަކު ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: ބާބާ ގާޑިޔާ

"މިހާރު މިރަށަށް އަންނަ ކޮންމެ މީހަކު ވެސް ބޭނުންވޭ މި ގާޑިޔާ ދެކި މިތަނުގެ ރަހަތައް ބަލާލަން. ޝަވަރުމާ އާއި ކުކުޅު ކުރަނޑި އާއި އެނޫން ވެސް އެކި ބާވަތްތައް ކާލަން ވަރަށް ގިނަ ބަޔަކު އާދޭ،" ބާބާ ގާޑިޔާގެ އޯނަރު ހަސަން އަތީގު (ބާބާ) ބުންޏެވެ.

އަތީގު އަންނަނީ ގާޑިޔާ ފޭސްބުކް ޕޭޖު ކޮންމެ ދުވަހަކު ވެސް އަޕްޑޭޓްކުރަމުންނެވެ. އެ ޕޭޖް ބަލާލުމުން ގާޑިޔާއަށް މީހުން ފޯރި ހުންނަވަރު ވަރަށް ރަނގަޅަށް އެނގިގެންދެ އެވެ.

ފުވައްމުލަކުގެ މަޝްހޫރު "ބާބާ ގާޑިޔާ"ގައި ސޮސެޖް ގްރިލްކުރަނީ. ފޮޓޯ: އަތީގު

ރިސޯޓުތަކުގައި މަސައްކަތްކުރާ އެ ރަށުގެ ޒުވާނުން ވެސް ރަށުގައި ފައިޖެހުމާއެކު ދެން އެންމެ އަވަހަކަށް ބަލަނީ ރައްޓެހިންނާއެކު ގޮސް އެ ގާޑިޔާއިން މަސާލާ ޗައި ނުވަތަ ކޮފީއެއް ބޯލުމަށެވެ. އަތީގުގެ ބަހުން ނަމަ އެންމެން ވެސް "ވައްޓާލަނީ ސީދާ ބާބާ ގާޑިޔާ"އިން ކޮފީއެއް ބޯލާށެވެ.

ފުވައްމުލަކުގެ މަޝްހޫރު "ބާބާ ގާޑިޔާ"އަށް ޒިޔާރަތްކުރި ފުލުނހުންގެ ޓީމެއް ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: އަތީގު

އެ ގާޑިޔާއިން ލިބޭ ގްރިލްޑް ކުކުޅު ފަޔާއި ކުކުޅު ކުރަނޑި، ގްރިލްޑް ސޮސެޖް، ކޮއްތު ރޮށި ފަދަ ތަކެތި މީރުކޮށް ތައްޔާރުކުރަނީ އަތީގު އަމިއްލައަށެވެ. ބައެއް ފަހަރު ގާޑިޔާއަށް އަންނަ މެހުމާނުން ވެސް ތަކެތި ތައްޔާރުކޮށްދިނުމުގައި އަތީގުއަށް އެހީތެރިވެދެ އެވެ. އަދި ބައެއް މީހުން ކަސްޓަމަރުންނަށް ވެސް ތަކެތި ތައްޔާރުކޮށްދެ އެވެ. އެހާ ވެސް މީހުން އެ ގާޑިޔާގައި އުފާކުރެ އެެވެ.

ބާބާ ގާޑިޔާއަށް ގިނަ ބަައެއް ބޮޑު ސަމާލުކަމެއް ލިބެމުން އަންނައިރު، އަތީގު ވެސް އަންނަނީ އެ ގާޑިޔާއަކީ ރަށުގެ މުހިންމު "އައިކަން" އަށް ހެދުމަށް މަސައްކަތްކުރަމުންނެވެ. އެހެންވެ އެ ރަށަށް ދާ މެހުމާނުން ވެސް ކޮންމެހެން ވެސް އެ ގާޑިޔާ ދެކިލަން ބޭނުންވެ އެވެ.

ފުވައްމުލަކުގެ މަޝްހޫރު "ބާބާ ގާޑިޔާ"އިން ބަޔަކަށް ރޭގަނޑުގެ ކެއުމެއް ދެނީ. ފޮޓޯ: އަތީގު

ފުވައްމުލަކަށް އިއްޔެ ދިޔަ "މިސް ވޯލްޑް ސާބިއާ 2022" އަންޔާ ރެޑިޗް ވެސް ވަނީ އެ ގާޑިޔާއަށް ގޮސް ހިދުމަތް ހޯދައިފަ އެވެ.

އޭނާ އެ ގާޑިޔާއަށް ދިއުމުން އަތީގު ވަނީ އަންޔާ ރެޑިޗްއަށް ގާޑިޔާގެ އޮފިޝަލް ޓީޝާޓެއް ހަދިޔާކޮށްފަ އެވެ. އަދި ގާޑިޔާއިން ޝަވަރުމާ ވެސް ކެ އެވެ.

"އޭނާ ޝަވަރުމާ ކައިފަ ބުނީ މިހާ މީރު ޝަވަރުމާއެއް ނުކަމޭ ދުވަހަކު ވެސް. ވަރަށް ތައުރީފު ކުރި މިތަނުގެ ހިދުމަތަށް،" އަތީގު ބުންޏެވެ.

އަންޔާ ރެޑިޗް ފުވައްމުލަކަށް ދިޔައީ ޓައިޓަން މޯލްޑިވްސްއިން އިންތިޒާމްކޮށްގެން މި މަހުގެ 25 އިން 27 އަށް އައްޑޫ ސިޓީގައި ބޭއްވި "ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ" ގެ ދެވަނަ އެޑިޝަންގެ ބްރޭންޑް އެމްބެސެޑަރު ގޮތުގައި ބައިވެރިވުމަށެވެ.

"މިސް ސާބިޔާ 2022" އަންޔާ ރެޑިޗް ފުވައްމުލަކަށް އިއްޔެ ކުރި ދަތުރުގައި ބާބާ ގާޑިޔާއަށް ދިއުމުން އެ ގާޑިޔާ އޮފިޝަލް ޓީޝާޓެއް ހަދިޔާކުރަނީ. ފޮޓޯ: އަތީގު

"މިސް ވޯލްޑް ސާބިއާ 2022" އަންޔާ ރެޑިޗް، އާއި ސާބިއާގެ މިސް ސާބިއާގެ ޕްރެޒިޑެންޑް އަދި ސޯޝަލް މީޑިއާ އިންފްލުއެންސާ ވެސްނާ ޑެވިންޗާގެ އިތުރުން މަޝްހޫރު ޖާނަލިސްޓް އަދި ޕްރޮގްރާމް ޕްރޮޑިއުސަރު ސްނެޒަނާ ވެސް ފުވައްމުލަކަށް ދިޔަ އެވެ.

އެ ގާޑިޔާ މިހާރު މަޝްހޫރީ ހަމައެކަނި ފުވައްމުލަކުގައެއް ނޫނެވެ. އެ ރަށަށް ޒިޔާރަތްކުރާ މެހުމާނުންގެ މެދުގައި ވެސް އެ ގާޑިޔާ މިހާރު ވަރަށް މަޝްހޫރެވެ. މިއީ އެ ރަށުގެ ތުނޑިއާއި ހަވިއްތަ ގޮތަށް ފުވައްމުލަކުގެ މުހިއްމު ރަމްޒަކަށް މިވަނީ ވެފަ އެވެ.