ގިނަ ބަޔަކާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރު ކޮށްފައިވާ، ބަންގްލާދޭޝަށް ނިސްބަތްވާ އަލަމްގީރުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ދައުލަތުން އުފުލާފައިވާ ތިން ދައުވާއަށްވެސް އަލަމްގީރު އިއުތިރާފު ވުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ.
ކްރިމިނަލް ކޯޓުގައި އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ މައްސަލައިގެ ޝަރީޢަތުގައި ދައުވާތަކަށް އިއުތިރާފުވެ އަލަމްގީރު ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފު ދެމެހެއްޓުމުން މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ އަލަމްގީރްގެ އިއުތިރާފު ބަލައިގަނެ ކުށް ސާބިތުވާކަމަށް ކަނޑައަޅާފަ އެވެ.
އިއްޔެގެ ޝަރީޢަތުގައި އަލަމްގީރްގެ ފަރާތުން އެދުނީ ވީހައިވެސް ކުޑަ އަދަބެއް ކަނޑައަޅައި ދިނުމަށެވެ.
އެކަމަކު ދައުލަތުން އެދުނީ ކިހާވަރެއްގެ އަދަބެއް ދޭން ކަމެއް ސާފެއް ނޫނެވެ. އަދި އޭނާއަށް ހުކުމް ކުރުމުގެ އަޑުއެހުން މާދަމާ އޮންނާނެ އެވެ.
އެއް ޖިންސުން ގުޅުންހިންގާ ވީޑިއޯތައް ލީކުވުމާ ގުޅިގެން އަލަމްގީރުގެ އިތުރުން ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) އަދި ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓުގައި މަސައްކަތްކުރި އަބްދުއްރަހުމާން ރަފީއު އެވެ.
އެ ހަތަރު މީހުންގެ މައްޗަށް ވެސް ދައުވާ އުފުލީ ޖިންސީ ކުށްތަކަށް އަދަބު ކަނޑައަޅާ ހާއްސަ ގާނޫނު ކަމަށްވާ ޖިންސީ ކުށުގެ ގާނޫނުގެ ބަދަލުގައި ގާނޫނޫލްއުގޫބާތުގެ ދަށުންނެވެ. އެއީ ދެ ގާނޫނުގެ ތެރެއިން ލުއި އަދަބު ލިބޭ ގާނޫނެވެ.
ގާނޫނުލްއުގޫބާތުން ދައުވާ އުފުލުމުން މިމައްސަލައިގައި ހިމެނޭ މީހުންނަށް އެންމެ ބޮޑު އަދަބަކަށް ވެސް އަންނާނީ ނުވަމަހާއި 18 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް ޖިންސީ ކުށުގެ ގާނޫނުން ދައުވާ އުފުލިނަމަ ހަތް އަހަރާއި ދިހަ އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮންނާނެ އެވެ.