ގިނަ ބަޔަކާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރު ކޮށްފައިވާ، ބަންގްލާދޭޝްގެ އަލަމްގީރުގެ މައްޗަށް ކުށް ސާބިތުވެ، ހަތް މަހާއި ހަތް ދުވަހަށް އޭނާ ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފި އެވެ.

ދައުލަތުން އަލަމްގީރުގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވާއިރު، އޭނާ ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ހަވީރު 16:00 ގައި އޮންލައިންކޮށް ބޭއްވި އަޑުއެހުމުގައި އެ ދައުވާތަކަށް އިއުތިރާފުވެފަ އެވެ. އަދި އިބްތިދާއީ މަރުހަލާ ނިންމައި ޝަރީއަތުގެ އަޑުއެހުމެއް ވެސް އެ ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު، އެ އަޑުއެހުމުގައި ވެސް އޭނާ ވަނީ އިއުތިރާފު ދަމަހައްޓައިފަ އެވެ. އަދި އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ނިންމަން ގާޒީ ނިންމާފައިވެ އެވެ.

އެގޮތުން އަލަމްގީރުއަށް ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމް ވަނީ އަލަމްގީރު ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ.

އެއް ޖިންސުން ގުޅުންހިންގާ ވީޑިއޯތައް ލީކުވުމާ ގުޅިގެން އަލަމްގީރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) އަދި ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓުގައި މަސައްކަތްކުރި އަބްދުއްރަހުމާން ރަފީއު ވެސް ހައްޔަރުކުރި އެވެ.

އެ ހަތަރު މީހުންގެ މައްޗަށް ވެސް ދައުވާ އުފުލީ ޖިންސީ ކުށްތަކަށް އަދަބު ކަނޑައަޅާ ހާއްސަ ގާނޫނު ކަމަށްވާ ޖިންސީ ކުށުގެ ގާނޫނުގެ ބަދަލުގައި ގާނޫނޫލްއުގޫބާތުގެ ދަށުންނެވެ. އެއީ ދެ ގާނޫނުގެ ތެރެއިން ލުއި އަދަބު ލިބޭ ގާނޫނެވެ.