މެލްބަން (31 އޮގަސްޓް) - އޮސްޓްރޭލިއާގައި އަޅާފައިވާ ކޮވިޑް -19ގެ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ދީފައިވާކަން އެގައުމުގެ ސަރުކާރުން އިއުލާން ކޮށްފި އެވެ.

އެގޮތުން ބައްޔަށް ޕޮޒިޓިވްވާ މީހުން އެކަހެރިވާން ޖެހޭ މުއްދަތު ހަތް ދުވަހުން ފަސް ދުވަހަށް ކުރު ކޮށްފައިވާއިރު އާއްމު ތަންތަނުގައި މާސްކު އެޅުން މަޖުބޫރު ކުރެވިފައި އޮތް އޮތުން ވެސް ވަނީ ނިމުމަކަށް ގެނެސްފަ އެވެ.

މި ނިންމުމާއެކު އޮސްޓްރޭލިއާގެ ވަޒީފާގެ ބާޒާރަށް ކުރިމަތިވެފައިވާ ދަތިތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް މާހިރުން ބުނެ އެވެ. މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވާ މުވައްޒަފުން ހަތް ދުވަސް ވަންދެން އެކަހެރި ކުރަން ޖެހޭތީ ކުންފުނިތަކަށް އައީ ވަރަށް ގިނަ ދަތިތަކާ ކުރިމަތިވަމުންނެވެ.

އޮސްޓްރޭލިއާއަކީ ދުނިޔޭއިން ވެސް ކޮވިޑް 19 އާ ގުޅިގެން އެންމެ ހަރުކަށި ފިޔަަވަޅުތަކެއް ގެންގުޅުނު އެއް ގައުމެކެވެ. އެގޮތުން ދެ އަހަރު ދުވަހަށް އެގައުމުގެ ބައިނަލްއަގުވާމީ ބޯޑަރު ބަންދު ކުރެވިފައި އޮތްއިރު މައި ސިޓީތައް ވެސް އޮތީ ވަރަށް ފަހަކާ ޖެހެންދެން ޓޫރިޒަމަށް ބަންދު ކުރެވިފަ އެވެ.

މި ފިޔަވަޅުތަކާއެކު އެގައުމުން ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު ބޮޑުތަނުން ދަށްވެފައިވާއިރު ކޮވިޑް ފެށުނީއްސުރެ މިހާތަނަށް މަރުވި މީހުންގެ އަދަދު ވެސް ވަނީ 14000ގެ ތެރޭގައި ހިފެހެއްޓިފަ އެވެ.

އޮސްޓްރޭލިއާއަކީ އާބާދީގެ ބޮޑު އިންސަންތައެއް ވެކްސިން ފުރިހަމަ ކޮށްފައިވާ ގައުމެއް ކަމުން ކޮވިޑް ފެތުރުމުގައި އެހީވި ކަމަށް ރިޕޯޓުތައް ބުނެ އެވެ. -- އަލް އަރަބިއްޔާ