ދުނިޔޭގެ މޫސުމަށް ބަދަލުތަކެއް ގެނުވާ އެލްނީނޯގެ ބާރު އިތުރަށް ގަދަވަމުންދާތީ، އޭގެ ސަބަބުން ރާއްޖެއަށް ކޮށްފާނެ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށްޓަކައި ދުރާލައި ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެލްނީނޯ އަކީ ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ސަރަހައްދުގެ ކަނޑުގެ ލޮނުގަނޑު އާދަޔާ ހިލާފަށް ހޫނުވުމާ ގުޅިގެން މުޅި ދުނިޔޭގެ މޫސުމީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނުވާ ގުދުރަތީ ހާދިސާއެކެވެ.
އެންޑީއެމްއޭ އިން އެކްސްގައި ހިއްސާކުރި މައުލޫމާތުގައި ބުނެފައިވާ ގޮތުގައި، މި ދުވަސްވަރު އެލްނީނޯގެ ބާރު އިތުރަށް ވަރުގަދަވަމުން އަންނާތީ އޭގެ ނޭދެވޭ އަސަރު ރާއްޖެއަށް ވެސް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ. އެހެންކަމުން، މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތަކާއި ނުރައްކާތައް ދެނެގަނެ، ހުރިހާ ދާއިރާތަކަކުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލައި އެޅުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި އެ އިދާރާއިން ފާހަގަކުރި އެވެ.
މި ހާލަތާ ގުޅިގެން ހާއްސަ ސަމާލުކަމެއް ދީގެން އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެއް އެންޑީއެމްއޭ އިން ވަނީ ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ކުރިމަތިވެދާނެ އެކި ނުރައްކާތަކާއި އޭގެ ސަބަބުން ކޮށްފާނެ އަސަރުތައް ވަޒަންކުރުން.
- ކޮންމެހެން ބޭނުންވާ ޒަރޫރީ ހިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށްޓަކައި، ކަމާބެހޭ މުއައްސަސާތަކާއި ވިޔަފާރިތަކުން 'ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން' އެކުލަވައިލުމާއި އެ ޕްލޭންތައް މުރާޖާކުރުން.
- އާންމު މުދަލާއި ހިދުމަތްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމު އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުން.
- މޫސުމާ ބެހޭ އެންމެ ފަހުގެ ލަފާކުރުންތަކަށް އަހުލުވެރިވެ، ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން.
މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ލަފާކުރާ ގޮތުގައި އެލްނީނޯގެ އަސަރު ރާއްޖެއަށް އެންމެ ބޮޑަށް ފޯރާނީ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އަދި މި ހާލަތު އަންނަ އަހަރުގެ ފެބުރުވަރީ މަހާ ހަމައަށް ދެމިގެންދާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
ނޯރާގެ މައްޗަށް 3 ކްރޯޑްގެ އަބުރުގެ ދައުވާއެއް އުފުލައިފި
ހަނގުރާމައިގެ ތެރެއިން އެންޖެލީނާ ދަރިފުޅާއެކު ޔޫކްރެއިންއަށް!
އިންޑިއާގެ މަޝްހޫރު ފައްޅިއެއް ގަންގާކޯރަށް އަޑިއަށް ހިނގައްޖެ