ސައޫދީ އަރަބިއާގެ މައްކާ އަދި މަދީނާގައި ހުރި ބައެއް ގަދީމީ މިސްކިތްތަކުގެ އާބާތުރަ ފިލުވަން އެގައުމުގެ ސަރުކާރުން ނިންމައި އެކަން އިއުލާން ކޮށްފި އެވެ.
އެގައުމުގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާންގެ އިސް ނެންގެވުމުގެ ދަށުން ކުރިއަށްދާ ސައޫދީ އަރަބިއާ ވިޝަން 2030ގެ ތެރެއިން ކުރިއަށްދާ މި ޕްރޮޖެކްޓްގައި މައްކާ އަދި މަދީނާގެ ނުވަ މިސްކިތެއްގެ އާބާތުރަ ފިލުވޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މި ޕްރޮޖެކްޓްގެ ދަށުން އާބާތުރަ ފިލުވޭ ބައެއް މިސްކިތްތަކަކީ ޚުދު ކީރިތި ރަސޫލާ އެ މިސްކިތްތަކުގައި ނަމާދު ކުރައްވާފައިވާ ކަމަށް އައިސްފައިވާ މިސްކިތްތަކެވެ.
ސައޫދީ ޕްރެސް އެޖެންސީއިން ބުނީ މި މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރެވޭނީ އެ މިސްކިތްތަކުގެ އަސްލު ނުގެއްލޭ ގޮތަށް ގިނަ ދުވަހަށް ދެމިގެންދާނެ ގޮތަކަށް ކަމަށެވެ.
ސައޫދީ އަރަބިއާގައި ހުރި ގަދީމީ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް އެކި ބައިބައަށް ބަހާލައިގެން ކުރިއަށްދާއިރު މިއީ ދެވަނަ ބުރުގެ ދަށުން އާބާތުރަ ފިލުވޭ މިސްކިތްތަކެވެ.