ނ. އަތޮޅަށް ދަތުރު ކުރަމުންދަނިކޮށް ފަރަށް އުރުނު ބޯޓުގެ މުދަލާއި ތަކެތި އޮދާދާތީ އެސަރަހައްދުން ދަތުރުކުރާ ފަރާތްތައް އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ގިނަ ބަޔަކާއި އެކު ދަތުރު ކުރަމުންދިޔަ ލަންދޫ ބޯޑު އަޑިއަށް ގޮސްފައިވަނީ މިއަދު ހެނދުނު ގެ 10:55 ހާއިރު އެވެ. އޭރު އެ ބޯޓުގައި 30 މީހުން ތިއްބެވެ.

އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުމާ އެކު އެމްއެންޑީއެފުން އެސަރަހައްދުގައި ހަރަކާތްތެރިވެފައިވާއިރު، އޭރުވެސް އެ ސަރަހައްދުން ދަތުރުކުރި އުޅަނދުތަކުން މީހުން ސަލާމަތްކުރުމަށް ހަރަކާތްތެރިވަމުން ގެންދިޔަ ކަމަށް މައުލޫމާތު ލިބެ އެވެ.

ހާދިސާއާ ގުޅޭ އެކި ވީޑިއޯތައް ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު، ބޯޓުގައި ހުރި ގިނަ އަދަދެއްގެ ގޭސްފުޅި އަދި މުދާތައް އޮޔާދާ މަންޒަރު ފެނެ އެވެ. އަދި މިކަމުން ލިބިދާނެ ގެއްލުމަކަށް ސަމާލުވެ އެސަރަހައްދުން ދަތުރުކުރުމަށް ބުނެ ފުލުހުން ވަނީ މިއަދު ޓްވީޓް ކޮށްފަ އެވެ.