އިސްލާހީ މަސައްކަތަކީ ހަމައެކަނި ވާހަކަ ދެއްކުމަކުން ނުވަތަ ކުރު މުއްދަތެއްގެ މަދު މަސައްކަތުން ވާނެ ކަމެއް ނޫން ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޖުލައި މަހުން ފެށިގެން ވަރަށް ގިނައިން ޓްވީޓް ކުރަވަމުން ގެންދަވާ މިނިސްޓަރު އިމްރާން ވިދާޅުވީ އިސްލާހީ މަސައްކަތަކީ ހަމައެކަނި ވާހަކަ ދެއްކުމަކުން ނުވަތަ ކުރު މުއްދަތެއްގެ މަދު މަސައްކަތުން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި ހެޔޮ ބަދަލެއް ގެނެވޭނީ އެއް އަމާޒަކަށް، ދިގު މުއްދަތަކަށް، ފޫހިކަމެއް، ވަރުބަލިކަމެއް ނެތި ކުރެވޭ ގިނަ ބުރަ މަސައްކަތުން ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
އިމްރާން މިފަދައިން ޓްވީޓް ކުރައްވާފައިވާއިރު ގިނަ ބަޔަކާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރު ކޮށްފައިވާ، ބަންގްލާދޭޝްގެ އަލަމްގީރުގެ މައްޗަށް ކުށް ސާބިތުވެ، ހަތް މަހާއި ހަތް ދުވަހަށް އޭނާ ޖަލަށްލާން ހުކުމް ކުރުމާއެކު ވެސް ގިނަ ބަޔަކުގެ ފާޑުކިޔުން މި ސަރުކާރަށާއި އިމްރާނަށް އަމާޒުވި އެވެ. މިފަދަ އަމަލުތައް ކުރާ ބަޔަކަށް މިފަދަ ކުޑަ އަދަބެއް ދެވިގެން ނުވާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. މިއީ ވަކި ބަޔަކު ސަލާމަތް ކުރުމަށްޓަކައި ކުރާ ކަމެއް ކަމަށް ގިނަ ފަރާތްތަކުން ސިފަ ކުރެ އެވެ.
މީގެ ކުރިން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ރަނގަޅު ނުވަތަ އިސްލާހު ކުރަން ހުރި ކަންކަން ވަރަށް ގިނަކަމަށެވެ. ނަމަވެސް ހަގީގަތުގައި އެކަންތައްތައް އިސްލާހު ކުރަން މަސައްކަތް ކުރަނީ ކޮން ބައެއްތޯ އިމްރާން ވަނީ ސުވާލުކުރައްވައިފަ އެވެ.
އިމްރާނަކީ ފުލުހުންގެ މުއައްސަސާ އަދި ގާނޫނު ތަންފީޒު ކުރުމުގެ ޒިންމާ އޮތް ގިނަ މުއައްސަސާތަކެއްގެ ބަލަދުވެރި ވަޒީރެވެ. އެހެންކަމުން މިކަންކަމުގެ ޒިންމާ ނަގާ އިސްލާހު ކުރަން ޒިންމާމަތިވެފައިވާ ބޭފުޅަކީ އިމްރާންކަމަށް ފާހަގަކޮށް ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑު ކިޔުން އަމާޒުކުރަމުންނެވެ.
ފާޑުކިޔާ ފަރާތްތަކުން ސިފަކުރާގޮތުގައި އިމްރާން މިފަހުން ޓްވީޓް ކުރައްވަން އެ ފެއްޓެވީ އަނެއްކާވެސް ރިޔާސީ އިންތިހާބެއް ގާތް ވާތީއެވެ.