ގިނަ ބަޔަކާ އެކު އެއްޖިންސުން ގުޅުން ހިންގި ބަންގްލާދޭޝްގެ އަލަމްގީރުގެ މައްޗަށް ކޮށްފައިވާ ދައުވާ އިން ވެސް މިފަދަ މީހުންނާ މެދުގައި ސަރުކާރުގެ ވިސްނުން ސާފުވެގެން ގޮސްފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

އެއްޖިންސުން ގުޅުންގި މައްސަލައިގައި އަލަމްގިރީގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ ޖިންސީ ކުށްތަކަށް އަދަބު ކަނޑައަޅާ ހާއްސަ ގާނޫނު ކަމަށްވާ ޖިންސީ ކުށުގެ ގާނޫނުގެ ބަދަލުގައި ގާނޫނޫލް އުގޫބާތުގެ ދަށުންނެވެ. އެއީ ދެ ގާނޫނުގެ ތެރެއިން ލުއި އަދަބު ލިބޭ ގާނޫނެވެ.

އޭނާ އަށް ކުރާ ދައުވާތަކަށް ކޯޓުގައި އެއްބަސްވުމުން ޝަރީއަތް އަވަސް ނިޔާގައި ނިންމައި، ކްރިމިނަލް ކޯޓުން ހުކުމް ކުރީ އަލަމްގިރި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށެވެ.

އެކަމާ ގުޅިގެން ރާއްޖޭގެ އެންމެ އިސް އެއް ގާނޫނީ ވަކީލު، ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ދައުވާއަކީ ސަރުކާރުގެ ވިސްނުން، އެ ނުބައި ފާހިޝް އަމަލު ހިންގާ މީހުންނާމެދު އެއްގޮތްކަން ސާފުވެގެން ދިޔަ ދައުވާ އެއް ކަމަށެވެ. ހާއްސަ ގާނޫނަށް އަމަލު ކޮށްފައިނުވާތީ ޖަމީލު, ދައުލަތަށް ވަނީ ފާޑުވިދާޅުވެފަ އެވެ.

"ހާއްސަ ގާނޫނަށް އަމަލު ނުކޮށް، މަދުވެގެން ފަސް އަހަރުގެ ޖަލު ހުކުމުގެ ބަދަލުގައި މިއީ ހަމަ ކަމަކަށް ކަމެއް ކޮށްލީ. ޑިޓަރެންސްގެ އެއްވެސް ނިޔަތެއް ނެތް،" ޑރ. ޖަމީލް ވިދާޅުވި އެވެ.

އެއްޖިންސުން ގުޅުންހިންގާ ވީޑިއޯތައް ލީކުވުމާ ގުޅިގެން އަލަމްގީރުގެ އިތުރުން ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) އަދި ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓުގައި މަސައްކަތްކުރި އަބްދުއްރަހުމާން ރަފީއު އެވެ.

އެ މީހުންގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކޮށްފައިވަނީ ލުއި އަދަބު ލިބޭ ގާނޫނުންނެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އަލަމްގީރްއަށް ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއި ގުޅިގެން ގިނަ ދީނީ އިލްމުވެރިން އަންނަނީ އެއީ އެންމެ އެކަށީގެންވާ އަދަބު ނޫން ކަމަށް ވިދާޅުވަމުންނެވެ.