ރާއްޖެއިން ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް މީހުންގެ އަދަދު 98 އަށް ތިރިވެއްޖެ އެވެ.

ކޮވިޑް ޖެހުނު މީހުންގެ އަދަދު މިއަދު ދަށަށް ދިޔައިރު ރާއްޖެއިން އިއްޔެ ވަނީ 125 މީހަކު ޕޮޒިޓިވްވެފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު އިރުއޮއްސި 6:00އާ ހަމަޔަށް ޕޮޒިޓިވްވި 89 މީހުންގެ ތެރެއިން 72 މީހުންނަކީ ދިވެހިންނެވެ. އަދި ބާކީ 26 މީހުންނަކީ ބިދޭސީންނެވެ. އެޗްޕީއޭއިން މިހާރު ޕޮޒިޓިވްވާ ބިދޭސީންގެ ގައުމެއް ހާމައެއް ނުކުރެ އެވެ.

ރާއްޖެއިން މިހާރު ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ އަދަދު ވަނީ 8،584 އިތުރުވެފަ އެވެ. މިހާތަނަށް މީހުން ދިރިއުޅޭ 35 ރަށަކުންނާއި 22 ރިސޯޓަކުން މިބަލި ޖެހިފައިވާ މީހުން ފެނިފައިވެ އެވެ. ރިސޯޓުތަކުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި 19 ޓޫރިސްޓުންނާއި 47 މުވައްޒަފުން ހިމެނެ އެވެ.

އެޗްޕީއޭއިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވީ ހަމައެކަނި މާލެ ސަރަހައްދުންނެވެ. މި ބަލީގައި މިހާރު 2،613 މީހުން ދަނީ ފަރުވާ ހޯދަމުންނެވެ. މީގެ ތެރެއިން 147 މީހަކު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުން ދައްކަ އެވެ. އަދި އެ ބަލިން މިއަދު 159 މީހަކު ރަނގަޅުވި އެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެއިން 29 މީހަކު މަރުވެފައިވެ އެވެ.