ދިވެހި ފުލުހުންގެ ހިދުމަތަށް ރައްޔިތުންގެ ފަރާތުން މިހާރަށްވުރެ ވެސް ބޮޑަށް އެއްބާރުލުން ދެއްވުމަށް ނައިބް ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ، މިއަދު ފާހަގަކުރާ، ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަހާއި ގުޅިގެން ބޭއްވި، މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ފައިސަލްގެ ވާހަކަފުޅުގައި ވަނީ، ދިވެހި ފުލުހުންގެ ހިދުމަތް ވަކި މަދަނީ ހިދުމަތެއްގެ ގޮތުގައި ފެށި ހިދުމަތް ދެވެމުން އަންނަތާ 18 އަހަރު ފުރިގެން ދިޔައިރު، ދިވެހި ފުލުހުންގެ ހިދުމަަތަށް އެތައް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިކަން ފާހަގަކުރައްވައިފަ އެވެ.

ނައިބް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ދެމިއޮންނާނީ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑާއި އެއްގޮތަށް ވީހާ ވެސް ރަނގަޅަށް އަދި ހަމަހަމަ ގޮތެއްގައި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކުރެވޭ މަސައްކަތްތަކެއްގެ މައްޗަށް ކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދިވެހި ފުލުހުން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ޤައުމުގައި ސުލްޙަ މަސަލަސްކަން ގާއިމްކޮށް ރައްޔިތުންނަށް ރައްކާތެރި ވެއްޓެއް ހޯދައި ދިނުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށެވެ. މިރޮނގުން ވާހަކަފުޅު ކުރިޔަށްގެންދަވައި މަސްތުވާތަކެތިން ޒުވާނުން ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވި އެވެ.

މީގެ އިތުރުން، އެމަނިކުފާނު ވިދާޅުވީ ގައުމު ތަރައްގީކުރުުމުގައި ހަމަޖެހުން ގާއިމްކޮށް ތަރައްގީ ގެނެވޭނީ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށެވެ. ނައިބް ރައީސް ވަނީ، އަމަން އަމާންކަން ޤާއިމްކޮށް ދެެމެހެއްޓުމަށް ފުލުހުން ކުރާ މަސައްކަތުގައި، ދިވެހިރައްޔިތުންގެ ފަރާތުން އިތުރު އެއްބާރުލުން ދެއްވުމަށް ވެސް އިލްތިމާސްކުރައްވައިފަ އެވެ.

މި ޖަލްސާގައި ފުލުހުންގެ ހިދުމަތުގައި 25 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ ތެރެއިން، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންތަކުގެ ފުލުހުންނާއި ޓެކްނިކަލް ޑިރެކްޓަރު މަގާމުގެ އާއްމު މުވައްޒަފުންނަށް، ޚިދުމަތުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ނައިބް ރައީސް ފައިސަލް އެވެ.

ދިވެހި ފުލުހުންގެ ހިދުމަތް ވަކި ހިދުމަތެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައީ، 1 ސެޕްޓެމްބަރު 2004 ގަ އެވެ.