ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ކިޝޯރު ކުމާރުގެ ބަންގަލޯގައި ރެސްޓޯރެންޓެއް ހުޅުވުމަށްޓަކައި އެބަންގަލޯ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާތު ކޯލީ ކުއްޔަން ނަގައިފި އެވެ.
ކިޝޯރު ކުމާރުގެ ބަންގަލޯގައި ވިރާތު ހުޅުވަން ނިންމާފައިވަނީ އޭނާގެ ރެސްޓޯރެންޓް ޗެއިން ވަން 8 ކޮމިއުންގެ ބްރާންޗެއް އެކެވެ. މިއީ މުމްބާއީގައި ހުޅުވާ މި ރެސްޓޯރެންޓް ޗެއިންގެ ފުރަތަމަ ތަނެވެ.
އީޓައިމްސްގެ ރިޕޯޓުގައިވާ ގޮތުން މީގެ މަހެއްހާ ދުވަސް ކުރިން ވިރާތު ކޯލީ ވަނީ ކިޝޯރް ކުމާރާއި ލީނާ ޗަންދަވަރުކާރުގެ ދަރިފުޅު ސުމިތު ކުމާރާ ބައްދަލުކޮށްފަ އެވެ. އަދި އެބަންގްލޯ ކުއްޔަން ނެގުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ
އަމީތު ކުމާރާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު ވަނީ ކިޝޯރު ކުމާރުގެ ބަންގަލޯ ފަސް އަހަރަށް ވިރާތަށް ކުއްޔަށް ދީފަ އެވެ. މިހާރު އަންނަނީ ރެންޓޯރެންޓް ހުޅުވުމަށްޓަކައި އެތަން މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަންނަ މަހުގައި ރެސްޓޯރެންޓް ހުޅުވިގެންދާނެ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ. ކިޝޯރު ކުމާރުގެ ބަންގަލޯ ހުންނަނީ މުމްބާއީ ޖުހޫގެ ޕްރައިމް ލޮކޭޝަންގަ އެވެ.
ވަން8 ކޮމިއުންގެ އޮފިޝަލް އިންސްޓަގްރާމް ޕޭޖުން ވެސް ވަނީ މުމްބާއީގެ ޖުހޫގައި ‘އޮޕަނިން ސޫން’ ހެޝްޓެގަކާ އެކު ރެސްޓޯރެންޓް ޗެއިން ހުޅުވަން ނިންމާފައިވާކަން އިއުލާނު ކޮށްފަ އެވެ.
މީގެ ކުރިން ވަނީ ވަން 8 ކޮމިއުންގެ ރެސްޓޯރެންޓް ޗެއިން އެއް ޕޫނޭ އާއި މަހާރާޝްތުރާ ގައި ހުޅުވާފަ އެވެ.