ލަންޑަން (ސެޕްޓެމްބަރު 5) - އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރަކަށް ފޮރިން މިނިސްޓަރު ލިޒް ޓްރަސް ހޮވިވަޑައިގެންފި އެވެ.

ލިޒް ވެގެންދާނީ މާގަރެޓް ތެޗާ (1979 އިން 1990 އަށް) އަދި ތެރީސާ މޭ (2016-2019) އަށް ފަހު އިނގިރޭސި ވިލާތުގެ ތިންވަނަ އަންހެން ބޮޑުވަޒީރެވެ.

ލިޒް ޓްރަސް 47، އަށް އިނގިރޭސި ބޮޑުވަޒީރުކަމަށް ހޮވިވަޑައިގެންނެވީ ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީއަށް ލީޑަޝިޕްގެ ވާދަވެރި ރޭސް ކާމިޔާބު ކުރެއްވުމުންނެވެ. އޭނާއާ ވާދަކުރެއްވީ އިންޑިއާ ދަރިކޮޅުގެ މާލީ ވަޒީރު ރިޝީ ސްނަކް އެވެ.

ލިޒް ބޮޑުވަޒީރުކަމަށް ހޮވިވަޑައިގެންނެވީ އިނގިރޭސިވިލާތުގައި ދިރިއުޅުމުގެ ދަތިކަމާއި، ސިނާއީ ހަމަނުޖެހުމާއި، އިގުތިސޯދީ ބޮޑު ހީނަރުކަމެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.

އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު ހޮވަން ނިންމީ ބޮރިސް ޖޯންސަންގެ ސަރުކާރު ހިންގުމަށް އޮތް ތާއީދު ކުޑަވެ، އޭނާއަށް އިސްތިއުފާ މަޖުބޫރުވެގެންނެވެ.

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތާ ބައްދަލު ކުރެއްވުމަށް ބޮރިސް މާދަމާ ސްކޮޓްލެންޑަށް ވަޑައިގަންނަވާނެ އެވެ. އަދި ލިޒް އޭނާގެ ސަރުކާރެއް އެކުލަވާލުމަށް ރާނީ އަރިހު އެދިވަޑައިގަވާނެ އެވެ.

ޓްރަސް ވަނީ އެކަމަނާގެ ލީޑާޝިޕް ކެމްޕޭންގެ ތެރޭގައި ޓެކްސްތައް ކުޑަކުރައްވައި އެހެންނިހެން ހަރަދުތައް ކުޑަކުރައްވާނެކަމުގެ އިޝާރާތެއް ވެސް ކުރައްވާފަ އެވެ. އަދި އޭގެ ސަބަބުން އިގްތިސާދަށް ނޭދެވޭ އަސަރުކުރާނެ ކަމަށް އިގްތިސާދީ މާހިރުން ވިދާޅުވެފައިވެ އެވެ.