ސަފާރީ ބޯޓުފަދަ އުޅަނދުތައް އަޅާނެ ބަނދަރެެއް ދިޔަނަރު ފަޅާ ޖެހިގެން އޮތް ފަޅުގައި ތަރައްގީކުރުމަަށް ސަރުކާރުން ނިންމާފައިވާކަމަށާއި މި މަސައްކަތް ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ނޮވެމްބަރު މަހު ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)ގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާއި، އެ އެސޯސިއޭޝަންގެ ބައެއް އިސް ވެރިންނާ ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި އެވެ.

މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އެންބީއޭއެމް ގެ ބޭފުޅުން ވަނީ އެންބީއޭއެމް އުފެދުނީއްސުރެ ރާއްޖޭގައި ފަތުރުވެރިކަމަށް ދުއްވާ ސަފާރީ ބޯޓުފަދަ އުޅަނދުތައް އަޅާނެ ބަނދަރެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، ބޯޓިން ދާއިރާއިން މީހުން ބިނާކުރުމަށް ބޭނުންވާތީ، ބައިނަލްއަގްވާމީ ފެންވަރުގެ ކްރޫ ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ރާއްޖޭގައި ހިންގުމުގެ ބޭނުންތެރިކަން ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ވެސް މޫދުގައި ދުއްވާ އުޅަނދުތައް ރަހުނުގެ ގޮތުގައި ބަހައްޓައިގެން ލޯނު ނެގޭނެ އުސޫލެއް ނެތުމުން ދިމާވާ ދަތިތަކާއި، ބައިނަލްއަގްވާމީ ކްރޫޒް ލައިނަރތައް ރާއްޖޭގައި ހިންގުމުގައި ހުރި ބައެއް ކަންބޮޑުވުންތަކާއި، ގުދުރަތީ ވަސީލަތްތައް އެންމެނަށް ވެސް ބޭނުން ހިފޭނެ ގޮތަކަށް ބެލެހެއްޓޭނެ ޕްލޭނެއް އޮތުމުގެ މުހިންމުކަމާއި، އެންބީއޭއެމްގެ މަސައްކަތްތައް ފުޅާވަމުންދާއިރު އެތަނުގެ މަސައްކަތްތައް ކުރުމަށް ބޭނުންކުރާނެ އޮފީހެއް ނެތުމުން ދިމާވާ ދަތިތައް އެބޭފުޅުން ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހު ވަނީ ބޯޓުފަދަ އުޅަނދުތައް އަޅާނެ ބަނދަރެއް ދިޔަނަރު ފަޅާ ޖެހިގެން އޮތް ފަޅުގައި ތަރައްގީކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށާއި މި މަސައްކަތް ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ނޮވެމްބަރު މަހު ފަށާނެކަން ހާމަކުރައްވާފަ އެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ އެންބީއޭއެމްގެ ބޭފުޅުން ފާހަގަކުރެއްވީ މުހިންމު ކަންކަން ކަމަށްވުމުން ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެދެވޭ ހައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފަ އެވެ.