މިހާރު ދެމުން އަންނަ މިނިމަމްވޭޖް ބިދޭސީންނަށް ދިނުމަށް ވަކި މުއްދަތެއް ނެތްގޮތަށް ފަސްކުރަން ގާނޫނަށް އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހަޅައިފި އެވެ.

މިއިސްލާހް ހުށަހެޅީ ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރަ ދިނުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރެއިން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް އެންމެ ކުޑައުޖޫރަ ދިނުމަށް ކަނޑައަޅާފައިވާ ތާރީހުގައި އެކަން ތަންފީޒު ކުރުމަށް އިގްތިސާދީ ގޮންޖެހުންތަކެއް ހުރުމުންނެވެ.

ވަޒީފާއާއިބެހޭ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު އެވެ. ޖަމްޝީދު މި އިސްލާހު ހުށަހެޅުއްވީ ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށްވެސް އޭގެ ނޭދެވޭ އަސަރު ކޮށްފައިވާތީ އެކަމަށް ރިޢާޔަތްކޮށެވެ. މިއިސްލާހްގައި ބިދޭސީ މަސައްކަތްތެރިންނާއި ގުޅޭގޮތުން ވަޒީފާދޭ ފަރާތްތަކުން އަމަލު ކުރަން ލާޒިމް ކޮށްފައިވާ ދެ އަހަރުގެ މުއްދަތަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވެ އެވެ.

އެކަން ކުރުމުގެ މުއްދަތެއް ޤާނޫނުގައި ބަޔާން ކުރުމުގެ ބަދަލުގައި އެކަން ކުރަން ލާޒިމް ވާނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ގައުމުގެ ފުދުން ތެރިކަމާއި އުފެއްދުންތެރިކަމަށް ރިއާޔަތްކޮށް މިނިމަމްވޭޖް އެޑްވައިޒަރީ ބޯޑުން ދޭ ލަފަޔާއި އެއްގޮތްވާ ގޮތުގެ މަތީން މިނިސްޓަރު ކަނޑައަޅައި އާންމުކުރާ ތާރީހެއްގައިކަމަށް ޖަމްޝީދުގެ އިސްލާހުގައި ބުނެފައިވެ އެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒިފަކަށް ދެވޭ އެންމެ ކުޑަ އުޖޫރައަކީ 4،500 ރުފިޔާ ކަމަށް ކަނޑައަޅައި ގާނޫނަށް އިސްލާހު ގެނައިރު، ބިދޭސީ މުވައްޒިފުންގެ ކުޑަ އުޖޫރަ ދޭނެ ތާރީހެއްކަމަށް ކަނޑައަޅާފައިވަނީ ދެ އަހަރުގެ މުއްދަތެކެވެ.

އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައިވާ 5،700 ރުފިޔާއަކީ ކުދި ވިޔާފާރިތަކުގައި ދުވާލަކު 8 ގަޑިއިރު މުވައްޒަފަކު މަސައްކަތް ކުރުމުން މަހެއްގެމައްޗަށް ދޭންޖެހޭނެ މިންވަރެވެ.

މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ފާސްކޮށްފައިވާ ގޮތުން މެދު ފަންތީގެ ވިޔަފާރިތަކުގައި ދުވާލަކު 8 ގަޑިއިރު މަސައްކަތްކުރުމުން މަހެއްގެ މައްޗަށް މުވައްޒަފުންނަށް 7،000 ރުފިޔާ މުސާރައިގެ ގޮތުގައި ދޭންވާނެ އެވެ.