އެއްވެސް ސަރުކާރެއް ވައްޓާލަން އެއްވެސް އިރެއްގައި މަސައްކަތް ކޮށްފައިނުވާނެ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ ޓީވީއެމްގެ "ރަންއަކުރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި އަމިއްލަ ރޭޑިއޯ ޝްޓޭޝަން، ދިއެފްއެމްއާއި އަދި ފުރަތަމަ ޓީވީ ޗެނަލް، ދިޓީވީ އުފެއްދެވުމުގައި އިސްކޮށް ހުންނެވި އުއްޗު ވިދާޅުވީ އެ ދުވަސްވަރަކީ ރައީސް މައުމޫންގެ ސަރުކާރު ވައްޓާލުމަށް ބަޔަކު މަސައްކަތް ކުރި ދުވަސްވަރެއް ކަމަށާއި އެކަމުގައި އެހީތެރިވެ ދިނުމަށް ބައެއް ފަރާތްތަކުން އެދުނު ކަމަށެވެ. އެހެން ނަމަވެސް ސަރުކާރެއް ވައްޓާލަން އެހީތެރިކަމެއް ފޯރުކޮށްދީފައި ނުވާނެ ކަމަށް އުއްޗު ވިދާޅުވި އެވެ.

"އެ ދުވަސްވަރަކީ މައުމޫނުގެ ސަރުކާރު ވައްޓާލަން ކޮންމެވެސް ބަޔަކު އުޅުނު ދުވަސް ވަރެއް. އެތަނަށް ދިޔަ ކޮންމެވެސް ދެ ބޭފުޅަކު. ވިދާޅުވި މައުމޫނު ސަރުކާރު ވައްޓާލަން އެހީވާށޭ. އަޅުގަނޑު ބުނިން އެހީއެއް ނުވާނަމޭ ސަރުކާރު ވައްޓާލާކަށް. އެހެންނަމަވެސް ކަލޭމެން ތަށި ހޯދައިގެން އަންނާށޭ އިނާމު ދޭނަމޭ ލިބިއްޖެއްޔާ. ދެން އެބޭފުޅުންނަށް ވެރިކަން ލިބިގެން ދެބޭފުޅަކު ދިޔަ އަޅުގަނޑު އޮފީހަށް. ބުނި މިއައީ އިނާމު ބަލައޭ،" އުއްޗު ވިދާޅުވި އެވެ.

އުއްޗު ވިދާޅުވީ އެމީހުން ހަދިޔާ ބަލާ އައުމުން ދޭންވީ ކިހާވަރެއްތޯ އެމީހުން ގާތު އެހުމުން 10 މިލިއަން ރުފިޔާ ދިނުމަށް ބުނި ކަމަށެވެ. އަދި އެމީހުންގެ އެދުމާއި އެއްގޮތަށް އެމީހުންނަށް 10 މިލިއަން ދިނުމުން އެވެސް މަދުކަމަށް އެމީހުން ބުނި ކަމަށާއި ނަމަވެސް އެއީ އެމީހުން އެދުނުވަރު ކަމަށް ވިދާޅުވެ، އިތުރަށް ފައިސާ ދިނުމަށް އިންކާރު ކުރެއްވިކަން ވެސް އުއްޗު ފާހަގަކުރައްވާފައިވެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ވިޔަފާރި އުފެއްދުމުގެ އެއް ބާނީ ޗަމްޕާ މުހައްމަދު މޫސާ، އުއްޗުއަކީ ރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

އުއްޗުގެ އާއިލީ ވިޔަފާރި ހިއްސާވާ މުހިންމު ވިޔަފާރިތަކުގެ ތެރޭގައި ޓޫރިޒަމް ވިޔަފާރީގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލާއި މަޑިވަރު އެއާޕޯޓް ވެސް ހިމެނެ އެވެ.