ލަންޑަން (ސެޕްޓެމްބަރު 8) - އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު 2ގެ ސިއްހީ ހާލުކޮޅު ގޯސްވެ، ރާނީ މިހާރު އޮންނެވީ ބެލްމޯރަލް ކާސަލްގައި މެޑިކަލް ޑޮކްޓަރުންގެ ބެލުމުގެ ދަށުގައި ކަމަށް ބަކިންހަމް ޕެލަސްއިން ބުނެފި އެވެ.

ޕްރިންސް ޗާލްސް އާއި ކެމީލާ އަދި ޕްރިންސް ވިލިއަމް މިހާރު އަންނަނީ ސްކޮޓްލެންޑްގައި ހުންނަ ބެލްމޯރަލްއަށް ދަތުރުކުރައްވަމުން ކަމަށް ކްލެރެންސް ހައުސް އަދި ކެންސިންގްޓަން ޕެލަސްގެ އޮފީހުން ބުންޏެވެ.

އިނގިރޭސިވިލާތުގެ ޝާހީ ގަނޑުވަރު، ބަކިންހަމް ޕެލަސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "މިއަދު ހެނދުނު އިތުރު ދިރާސާއަކަށް ފަހު ރާނީގެ ޑޮކްޓަރުން ވަނީ އެކަމަނާގެ ސިއްހީ ހާލުކޮޅާ މެދު ކަންބޮޑުވެ، ސިއްހީ ބެއްލެވުމުގެ ދަށުގައި ބޭއްވުމަށް ލަފާ ދެއްވާފައި،" ކަމަށެވެ. "ރާނީ މިވަގުތު އޮންނެވީ ބެލްމޯރަލްގައި މަޑުކޮށްލައްވައިގެން،"

ރާނީ ވަނީ ރޭ ބާއްވަން ހަމަޖެހިފައި އޮތް ޕްރިވީ ކައުންސިލްގެ ބައްދަލުވުން ކެންސަލްކުރައްވައިފަ އެވެ. އަދި ޕްރިވީ ކައުންސިލްގެ ބައްދަލުވުން ރޭ ފަސްކުރެއްވީ އަރާމުކުރެއްވުމަށް ޑޮކްޓަރުން ލަފާ ދެއްވާފައި ވަނިކޮށް ކަމަށް ވެ އެވެ.

އިނގިރޭސި ރާނީ މިވަގުތު ދިރިއުޅުއްވަމުން ގެންދަވާ ބެލްމޯރަލް ކާސަލްގެ ބޭރުގައި ސެކިއުރިޓީން ފޯރިމަރަނީ.

މިދިޔަ އަންގާރަ ދުވަހު ރާނީ ވަނީ، އިސްތިއުފާ ދެއްވި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސް އަދި އާ ބޮޑުވަޒީރު ލިޒް ޓްރުސްއާ ބެލްމޯރަލްގައި ބައްދަލުކުރައްވައިފަ އެވެ.

ބޮޑުވަޒީރު ޓްރުސް ވިދާޅުވީ، މި ޚަބަރަކީ މުޅި ގައުމު "ކަންބޮޑުވާނެ" ހަބަރެއް ކަމަށާއި، އެކަމަނާ ހުންނެވީ ރާނީ އެކަމަނާގެ އާއިލާއާ އެކުގައި ކަމަށެވެ.

ހައުސް އޮފް ކޮމަންސްގައި ކުރިޔަށް ގެންދިޔަ ހަކަތައިގެ ބިލްތަކާ ބެހޭ ބަހުސް މެދުކަނޑާލައި، ކޮމަންސްގެ ސްޕީކަރު ސާ ލިންޑްސޭ ހޮއިލް ވަނީ ރާނީގެ ސިއްހީ ހާލުކޮޅާ ބެހޭ މައުލޫމާތު ދެއްވުމަށް އެ ބަހުސް މެދުކަނޑާލައްވާފަ އެވެ.

ރާނީގެ ވެއްޓިވަޑައިގެންފައިވާ ކަމަށް ބުނާ ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށް އިނގިރޭސި ނޫސްތަކުގައި ބުނެފައިވެ އެވެ. -- ސްކައި ނިއުސް