އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތުގެ ސިއްހީ ހާލުކޮޅު ގޯސްވުމުން ބީބީސީގެ ރަސްމީ ޕްރޮގްރާމް ހުއްޓާލައިފި އެވެ.

ބީބީސީއަކީ އިނގިރޭސިވިލާތުގެ ޕަބްލިކް ސާވިސް ބްރޯޑްކާސްޓާ އެވެ.

ބީބީސީގެ ރަސްމީ ޕްރޮގްރާމްތައް ހުއްޓާލައި، އިނގިރޭސިވިލާތުގެ ގަޑިން ހަވީރު 6:00 ވަން ދެން ކުރިޔަށް ގެންދަނީ ރާނީގެ ސިއްހީ ހާލުކޮޅާ ބެހޭ ހާއްސަ ކަވަރޭޖެވެ. އަދި ބީބީސީގެ ޕްރެޒެންޓަރު ހުވް އެޑްވަޑް ޕްރޮގްރާމް ހުށަހަޅަން ހުރީ ކަޅު ކޯޓަކާއި ކަޅު ޓައި އަޅައިގެންނެވެ.

މިވަގުތު ސްކޮޓްލެންޑްގެ ބެލްމޯރަލް ކާސަލްގައި ހުންނެވި ރާނީ އެލިޒަބަތުގެ ހާލުކޮޅު ގޯސްވުމުން ބީބީސީގެ އިތުރުން މި ގައުމުގެ އެހެން ގިނަ ޓީވީ ޗެނަލްތަކުން ވެސް ފޮނުވަމުން ގެންދަނީ ހާއްސަ ކަވަރޭޖްގެ ހަބަރުތަކެވެ.

ރާނީގެ ހާލުކޮޅާ ބެހޭ ގޮތުން ޝާހީ ރަސްމީ ގަނޑުވަރުން މިއަދު މެންދުރު ބަޔާނެއް ނެރުމާއެކު، ވެހެމުންދާ ބޯ ވާރޭގައި ބެލްމޯރަލްގެ ބޭރުގައި ތިބެ ގިނަ އަދަދެއްގެ ނޫސްވެރިން އަންނަނީ ހާއްސަ ކަވަރޭޖް ގެނެސްދެމުންނެވެ.

ރާނީގެ ސިއްހީ ހާލުކޮޅު ގޯސްވުމުން ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ލަންޑަނުގައި ހުންނަ ޝާހީ ގަނޑުވަރު ބަކިންހަމް ޕެލަސްއަށް ޖަމާވަމުންނެވެ. އަދި ރާނީގެ ހާލުކޮޅު ގޯސްވުމުން ޝާހީ އާއިލާގެ ހަތް ބޭފުޅަކު ވަނީ ބެލްމޯރަލްއަށް މިއަދު ހަވީރު ވަޑައިގެންފަ އެވެ. މީގެ ތެރޭގައި ޕްރިން ޗާލްސް ހިމެނިވަޑައިނުގަންނަވަ އެވެ. ޗާލްސް އާއި އަނބިކަނބަލުން ކެމީލާ ޕާކާ ވަނީ އޭގެ އިރުކޮޅެއް ކުރިން ބެލްމޯރަލް ވަޑައިގެންފަ އެވެ.

ޝާހީ އާއިލާގެ ހާއްސަ މަތިންދާބޯޓެއްގައި ސްކޮޓްލެންޑަށް ވަޑައިގެންނެވީ ޕްރިންސް ވިލިއަމް އާއި ރާނީގެ ދަރިކަލުން ޕްރިންސް އެޑްވަޑް އާއި އެންޑްރޫ އަދި އެ ބޭފުޅުންގެ އަނބިކަނބަލުން ވެސް ވަޑައިގެންނެވި އެވެ.

ޝާހީ އާއިލާގެ ތެރޭގައި އެންމެ މައްސަލަ ބޮޑުވެފައިވާ ޕްރިންސް ހެރީ ވެސް މިހާރު ގެންދަވަނީ ބެލްމޯރަލްއަށް ވަޑައިގަތުމަށް ސްކޮޓްލެންޑަށް ދަތުރުކުރަމުން ކަމަށް ބީބީސީން ބުނެ އެވެ.

ޝާހީ އާއިލާގެ ބޭފުޅުން އެކަމަނާގެ އަރިހަށް ވަޑައިގެންނެވީ ހާލުކޮޅު ދަށްވަމުންދާތީ އެންމެ ފަހު ވަގުތު ރާނީ އަރިހުގައި މަޑުކުރެއްވުމަށް ކަމަށް ބެލެވޭ ކަމަށް އިނގިރޭސި ނޫސްތަކުގައި ބުނެފައިވެ އެވެ.

އިނގިރޭސިވިލާތުގެ ނޫސްތަކުގައި ބުނެފައި ވަނީ ރާނީ އަވަހާރަވެއްޖެ ނަމަ ސްކޮޓްލެންޑުގައި "އޮޕަރޭޝަން ޔުނިކޯން"ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ފަށާނެ ކަމަށެވެ. އަދި ލަންޑަންގައި އަވަހާރަވެއްޖެ ނަމަ ފަށާނީ "އޮޕަރޭޝަން ލަންޑަން ބްރިޖް"ގެ ނަމުގަ އެވެ.

އޮޕަރޭޝަން ޔުނިކޯން ފެށުމާއެކު ސްކޮޓްލެންޑްގެ ޕާލަމެންޓް ވަގުތުން ހުއްޓާލައި، ރަސްމީ ޖަނާޒާ ފަށާނެ އެވެ. އަދި އޭގެ ފަހުން ޝާހީ ރޭލްގައި ރާނީގެ ހަށިކޮޅު ލަންޑަނަށް ގެނެވޭނެ އެވެ.