ހަތިޔާރު ބޭނުންކޮށްގެން ފުލުހުންނަށް ހަމަލާދިނަސް މަސްތުވާތަކެއްޗާއި ގޭންގް މާރާމާރީ ހުއްޓުވަން ފުލުހުން ކުރާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ފުލުހުންނަށް މިއަދު ހެނދުނު 11:50 ހާއިރު ހަމަލާ ދިނީ މަޖީދީ މަގުގައި ހުންނަ ޔޫރޯ ސްޓޯރް ކުރިމަތިންނެވެ. އަދި ފުލުހުންނަށް ހަމަލާދިން ދެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އަނިޔާވި ފުލުހުންނަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

މިކަމާއި ގުޅިގެން ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަތިޔާރު ބޭނުންކޮށްގެން ތިން ފުލުހަކަށް ހަމަލާ ދިނީ އެ އޮފިސަރުން ޑިއުޓީގައި އުޅެނިކޮށް ނޫން ކަމަށެވެ. އެ ހަމަލާގައި ބައިވެރިވި އެންމެން ވެސް ހައްޔަރުކުރާނެ ކަމަށް ހަމީދު ވިދާޅުވި އެވެ.

"މި މައްސަލައިގައި އަވަސް ފިޔަވަޅު އަޅަން ޓީމުތަކަށް ވާނީ އިރުޝާދު ދީފައި،" ސީޕީ ހަމީދު ވިދާޅުވި އެވެ.

ފުލުހުންނަށް ހަމަލާ ދިން މައްސަލަ ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލާ މިމައްސަލައިގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވެސް ސީޕީ ވަނީ ފުލުހުންނަށް އަންގަވާފަ އެވެ.

ސީޕީ އިތުރަށް ވިދާޅުވީ އާންމު ރައްޔިތުންގެ ސަލަމާތައި ރައްކާތެރިކަން ކަށަވަރުކުރުމަށާއި މުޖުތަމައަށް ހިދުމަތް ކުރުމަށްޓަކައި ފުލުހުންގެ ރައްކާތެރިކަމަށް ވެސް އިތުރު އެހީއާއި އެއްބާރުލުން ބޭނުންވާ ކަމަށެވެ.

މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް މުޅި ނިޒާމު އެކުގައި މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.